ފުލުހަކަށް މަރުގެ އިންޒާރު ދީ އިތުރު ފުލަހަކަށް ހަމަލާދިން މައްސަލައަކާއި ގުޅިގެން 3 މީހަކު ހައްްޔަރުކޮށްފި އެވެ.
މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، މަޖީދީމަގުގައި ހުންނަ ޓިނު ޕާކު ކައިރީ ހިނގި އެކްސިޑެންޓަކާ ގުޅިގެން މާރާމާރީއެއް ހިނގާ ކަމަށް ރިޕޯޓެއް ރޭ ލިބިފައިިވާ ކަމަށެވެ.
އެ މާރާމާރީ ހުއްޓުވަން ދިޔަ ފުލުހުންނަށް އިންޒާރުދީ، އެ ތަނުން ފުލުހަކަށް ހަމަލަދިން ކަމަށާއި، އެ މާރާމާރީ އާ ގުޅިގެން ތިން ފިރިހެނަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ 20 އަހަރުގެ ފިރިހެނަކާއި، 21 އަހަރުގެ ފިރިހެނެއްގެ އިތުރުން، 25 އަހަރުގެ ފިރިހެނެކެވެ. ހައްޔަރުކުރި އެންމެނަކީވެސް ދިވެހިންނެވެ.
މިމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.


