އުމްރާގެ އަޅުކަމަށް ސައުދި އަރަބިއްޔާގެ މައްކާއަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.
އަލް ބުރޫޖް ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ނިޔާވީ ގއ. ކޮލަމާފުށި ގަސްދޮށުގެ މުހައްމަދު ޒަކީ 83އ އެވެ.
އެ ގްރޫޕް އިން ބުނީ، އޭނާ ނިޔާވީ ރޭ ދަންވަރު މައްކާ ގަޑިން 12:00 ޖެހިހާއިރު ކަމަށެވެ.
އަދި އޭނާ ނިޔާވެފައި ވަނީ މަދީނާ ޒިޔާރަތުގައި ދެ ދުވަސް ހޭދަ ކުރުމަށްފަހު މި ދަތުރުގައި އިތުރު އުމްރާއެއް ކުރުމަށް މަދީނާގެ މީގާތު ޒުލް ހުލައިފާއިން އިހްރާމް ބަނދެގެން އައިސް މައްކާގެ ހޮޓަލަށް ދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށްވެސް އެ ގްރޫޕުން ބުނެފައި ވެއެވެ.
އެ ގްރޫޕް އިން އިތުރަށް ބުނެފައިވާގޮތުގައި، މުހައްމަދު ޒަކީއާއެކު މި ދަތުރުގައި އޭނާގެ އަނބިކަނބަލުންނާއި އަދި ދެ ފިރިހެން ދަރިންގެ އިތުރުން އަންހެން ދަރިފުޅާއި، ދެ ދެދަނބިދަރިން ބައިވެރިވިއެވެ.
އަދި މުހައްމަދު ޒަކީގެ ޖަނާޒާ ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓާއި މައްކާގައި ކިޔަވަން ތިބޭ ދަރިވަރުންގެ އެހީތެރިކަމާއެކު ކުރަމުން އަންނަ ކަމަށް ބުނެފައި ވެއެވެ.



