ކުޅިވަރުތައް ހަމަހަމަ ވާނީ ހުރިހާ ކުޅިވަރަކަށް ވެސް ހަރަދުކޮށް އެ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖައްސާއިގެން ކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބު ފިރާގު މުހައްމަދު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ ކައުންސިލުން އެއް މިލިޔަނަށް ވުރެއް ގިނަ ރުފިޔާ ހަރަދުކޮށް ހަދަމުންދާ ސްކޭޓް ޕާކުގެ ފުޓޯ އާއެކު ނައިބުރައީސް ފިރާގު ކުރެވި ޓުވިޓެއްގައި ވިދާޅުވީ ހަނިމާދޫ ސްކޭޓް ޕާކް މަސައްކަތް ބާރަށް ކުރިއަށް ދާކަމަށެވެ.
ނަމަވެސް މިފަދަ ބޮޑެތި ކަންކަން ކުރާއިރު ޔޫތު މިނިސްޓްރީން އެހީތެރިކަން އެއްވެސް ވަރަކަށް ނުލިބޭ ކަމަށެވެ. ޔޫތު މިނިސްޓްރީން އެހީތެރިކަން ދެއްވާނަމަ ދެ ފަރާތުގެ މަޤުޞަދު ފުރިހަމައަށް ހާސިލް ވުމަށް މަގުފަހިވެގެން ދާނެ ކަމަށްވެސް ފިރާގް ވިދާޅުވިއެވެ.
ހަމަހަމަ ފުރުސަތުތައް ކުޅިވަރަށް ހުޅުވާލެވިއްޖެ ކަމަށް ޔޫތު މިނިސްޓަރ މަހުލޫފު ބުނި ނަމަވެސް ރަށްރަށުގައި ތަފާތު ކުޅިވަރުތައް ކުޅުމަށް ތަންތަން ތަރައްގީ ކުރުމުގައި ޔޫތު މިނިސްޓުރީ އުޅެނީ ފަހަތު ގިޔަރުގައެވެ.
އެގޮތުން މިސަރުކާރު ވުޖޫދު ވީންސުރެން ކޮންމެ އަހަރަކު ހަނިމާދޫއަށް ސުވިމިންގ ޓުރެކެއް ބަޖެޓުގައި ޖަހައެވެ. ނަމަވެސް އެތަން އިންސާނުންގެ ލޮލަށް ފެނަވަރެއް ނުވެއެވެ. އެ އޮންނަނީ ހަމަ އެކަނި ބަޖެޓުގައި ލިޔެލާ ލިޔެލުމެއްގެ ގޮތުގައެވެ.


