އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާ އަށް ގެންދިޔަ މީހުންގެ ފްލައިޓް ޗާޓަރު ކުރި ޓްރެވަލް އެޖެންސީއަށް ދޭން ޖެހޭ ފައިސާ އަދިވެސް ނުދައްކާތީ އެ މީހުން ރާއްޖެ ގެނެސްދެވެން ނެތްކަމަށް އެކުންފުނިން ބުނެފިއެވެ.
ޓްރެވެލް 2 މޯލްޑިވްސް އިން މަޝްއަރު ގުރޫޕްގެ 146 މީހުން އުމްރާއަށް ގެންދިޔައެވެ. އެ ގުރޫޕްގެ އުމްރާވެރިން ރާއްޖެ އައުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 27 ގަ އެވެ.
ޓްރެވެލް 2 މޯލްޑިވްސް އަށް މަޝްޢަރު ގްރޫޕުން ދައްކަން ޖެހޭ 141،450 ޑޮލަރުގެ ޗެކް ބައުންސްވެ އުމްރާވެރިން ރާއްޖެ ގެނެވިދާނެ ކަމާއިމެދު ސުވާލު އުފެދުނުތާ ތިން ހަފްތާ ވެއްޖެއެވެ. އެ ޗެކް ބައުންސްވިތާ ތިން ހަފުތާއެއްހާ ދުވަސް ވީއިރު ވެސް ޗެކްގައިވާ އަދަދަށް ޓްރެވެލް 2 މޯލްޑިވްސް އަށް މަޝްއަރު ގުރޫޕުން ފައިސާ ނުދައްކައެވެ.
އިސްލާމިކް މިނިސްޓްރީން ވެސް ވަނީ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރާކަމަށް ބުނެ އުމްރާވެރިން ރާއްޖެ ގެންނަން އިންތިޒާމްތައް ހަމަޖައްސަން މަޝްއަރު ގްރޫޕަށް އަންގާފައެވެ.


