މިދިޔަ މާޗް މަހު، ކުޑަކުދިންނަށް އަނިޔާކުރުމުގެ 98 މައްސަލައެއް ހުށައަޅާފައިވާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ބުނެފިއެވެ.
އެމިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެމަހު މިނިސްޓްރީއަށް ޖުމްލަ 206 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.
މިބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުގެ މައްސަލައެވެ. އެގޮތުން މިބާވަތުގެ 29 މައްސަލައެއް ވަނީ ހުށައަޅާފައެވެ. މީގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 28 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގާނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 3 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ (ބްލެކްމެއި ކުރުން) 1 މައްސަލަ އަދި ހިމެނެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 29 މައްސަލަ އެއް މާޗު މަހު މިނިސްޓްރީ އަށް ވަނީ ހުށައަޅާފައެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 13 މައްސަލައެއް ހުށައަޅާފައިވާއިރު، ނަފްސާނީ އަނިޔާކުރުން/ އަނގަބަހުން ކުރެވޭ އަނިޔާގެ 9 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާއިގުޅޭ 6 މައްސަލަ، އަދި މުދާ ހިފެއްޓުމާއި / މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ މާރިޗު މަހު މިނިސްޓްރީ އަށް ވަނީ ހުށަހެޅިފައެވެ.
ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 18 މައްސަލައެއް މާޗު މަހު މިނިސްޓްރީއަށް ވަނީ ހުށައަޅާފައިވާއިރު، މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 13 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 4 މައްސަލަ، އަދި ހަޟާނާތުގެ 1 މައްސަލަ ވަނީ ހުށަހެޅިފައެވެ. އަދި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 12 މައްސަލަ މާރިޗު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. މީގެއިތުރުން ކުށުގެ ވެއްޓަށް ހުށަހެޅިދާނެ އަމަލުތަކުގެ 3 މައްސަލައަކަށްވެސް މިދިޔަ މަހު އެޓެންޑްކޮށްފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 25 މައްސަލަ މާޗު މަހު މިނިސްޓްރީއަށް ވަނީ ހުށައަޅާފައެވެ. އެގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 18 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 7 މައްސަލައެވެ.
ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 4 މައްސަލައެއް މާރިޗު މަހު މިނިސްޓްރީއަށް ހުށައަޅާފައިވާއިރު، މިބާވަތުގެ މައްސަލަތަކުގެ ތެރޭގައި ކުދިން ސްކޫލަށް ނުފޮނުވުމުގެ 3 މައްސަލައާއި ސިއްހީ ފަރުވާއަށް ހުރަސް އެޅުން / ނުދިނުނުމުގެ 1 މައްސަލަ ހިމެނެއެވެ.
މާރިޗު މަހުގައި ދައުލަތަށް އަލަށް 3 ކުއްޖަކު ނަގާފައިވެއެވެ. މީގެ އިތުރުން 2 ކުއްޖަކު ފޮސްޓަރކޮށް، 1 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކޮށްފައިވެއެވެ. މާޗު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 186 އެވެ.


