އަލްމަޝްއަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕްގެ ޙަވާލުގައި ޢުމްރާއަށް ދިޔަ އެންމެވެސް ރާއްޖެ އައުމުގެ އިންތިޒާމު އެ ގްރޫޕުން މިހާރު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ވިދާޅުވެއްޖެއެވެ.
މަޝްއަރު ގްރޫޕުން ޢުމްރާއަށް ދިޔަ މީހުންގެ ތެރެއިން ބައެއް މީހުންނަށް އަނބުރާ ރާއްޖެ އައުމުގެ އިންތިޒާމް ހަމަޖައްސައިފައި ނުވުމުގެ މައްސަލައެއް އިސްލާމިިކް މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށް އެ މިނިސްޓްރީން ކުރިން ވިދާޅުވެފައިވެއެވެ.
އަލް މަޝްއަރު ޙައްޖު އެންޑް އުމްރާ ގުރޫޕްގެ ޙަވާލުގައި މިއަހަރުގެ ރަމަޟާންމަހު 207 މީހަކު އުމްރާއަށް ގޮސްފައިވެއެެވެ. އަދި އެމީހުން ޢުމްރާއަށް ގެންދަން ފްލައިޓް ޗާޓަރުކުރި ދިވެހި ކުންފުންޏަށް އެއްލައްކަ ސާޅީސް ހާހަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހެއެވެ.
ނަމަވެސް އަލް މަޝްއަރު ގްރޫޕުން އެ ފައިސާ ދައްކަން ދިން ދެ ޗެކްވެސް ވަނީ ބައުންސް ވެފައެއެވެ. މިކަން އިސްލާމްކް މިނިސްޓްރީން ގާތުން ބަލަމުން އަންނަކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި ޢުމްރާވެރިންނަށް ރައްކަތެރިކަމާއެކު ވީހާވެސް އަވަހަށް ރާއްޖެ އާދެވޭނެ ގޮތް ހަމަޖެއްމަށް އެ ގްރޫޕަށް މިނިސްޓްރީން އެންގެވިއެވެ.
މަޝްއަރު ގުރޫޕާ ގުޅޭގޮތުން ގިނަ މައްސަލަތަކެއް ފާހަގަވަމުންދާއިރު އިސްލާމިކް މިނިސްޓަރ ވިދާޅުވީ މި މައްސަލަތަކާ ގުޅިގެން އޮންނަ އުޞޫލުތަކުގެ ދަށުން އަަޅަންޖެހޭ ފިޔަވަޅުތައް އެ ގުރޫޕަށް އަޅުއްވާނެކަމަށެވެ.


