ސޯޝަލް ހައުސިން ދިނުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް އެއްވެސް ބަޔަކަށް ފްލެޓް ނުދެވޭނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ބޮންޑެ ސުވާލު ކުރެއްވީ އާބަންކޯ ކުންފުނިން މުވައްޒަފުންނަށް ދޭން ނިންމާފައިވާ ފްލެޓްތަކުގެ ތެރެއިން 34 ފްލެޓެއް އެ ކުންފުނީގެ ވެރިންނަށް ދޭން ނިންމި ކަމަށް ބުނެ ފެންމަތިވެފައިވާ މައްސަލައާ ގުޅިގެންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ސޯޝަލް ހައުސިން ކެޓަގަރީގައި މާކްސް ލިބޭނެ ގޮތާއި އެހެނިހެން ހައުސިން ކެޓަގަރީވެސް ވަރަށް ތަފްސީލުކޮށް ކަނޑައަޅާފައި އޮންނާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ފްލެޓްތައް ދޫކުރަން ޖެހޭނީ އެ އުސޫލުންކަމަށް އާބަންކޯއަށް ވެސް އަންގާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސޯޝަލް ހައުސިން ލިބެން ޖެހޭނީ ސޯޝަލް ކެޓެގަރީއަށް ފެތޭ މީހަކަށް ކަމަށެވެ. ހަމަ އެހެންމެ ފްލެޓެއް ހުރި މީހަކަށް ވެސް ފްލެޓެއް ލިބިގެން ނުވާނެ ކަމަށާއި އެކަން ސާފުކޮށް ބަޔާކޮށް އަންގާފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“ދެން ބަޔަކު ތަނެއްގައި ކަމެއް ކުރީމަ އަޅުގަނޑުމެނަށް އެނގުނީމަ އެކަމާ އަޅުގަނޑުމެން ސުވާލުވެސް ކުރާނަން. އަދި ބަލަން ޖެހޭ ބެލުމެއްވެސް ބަލާނަން. އަޅުގަނޑަށް އެނގޭ ތިޔަ ޒާތުގެ ކަމެއް ފެންމަތިވެގެން އުޅޭކަން. ނަމަވެސް އެއީ މިނިސްޓްރީން ކުރަން އިންސްޓްރަކްޓް ކޮށްފަ އޮތް ގޮތެއް ނޫން. ވަރަށް ސާފުކޮށް ދަންނަވާފަ އޮންނާނެ. ފުރަތަމަ އެ މައްސަލަ ޖެހުނީމާ ވެސް އަޅުގަނޑު ދެންނެވި ނޫނެކޭ އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ގޮތަށޭ. އެ އުސޫލުންނޭ ދޭން ޖެހޭނީ” މިނިސްޓަރު ވިދާޅުވިއެވެ.


