ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުނު ގިނަ މަސައްކަތްތަކެއް ނިންމައި މަޖިލިސް ޗުއްޓީއަށް ގޮސްފިއެވެ.
މިއީ މަޖިލީހުގެ ގަވާއިދަށް 2021 ވަނަ އަހަރު ގެނެވުނު ބަދަލާއިއެކު ލިބޭ އެންމެ ކުރު ޗުއްޓީއެވެ. މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ގޮސްފައިވާއިރު، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ކޮތަޅުުން ފީނެގުމުގެ ޤާނޫނީ މައްސަލައަށް މަޖިލީހުން ހައްލު ގެނެވިފައެއް ނުވެއެވެ. މިމައްސަލަ ހައްލުކޮށް މަޖިލިސް ޗުއްޓީއަށް ދާން ސަރުކާރަށް ތާއީދުކުރާ ބައެއް މެމްބަރުން އެދުނު ނަމަވެސް ޗުއްޓީއަށް ގޮސްފައިވަނީ ބިލުގެ ބަހުސްގެ މަރުހަލާ ފެށިފަހުންނެވެ.
މިދައުރަކީ މަޖިލީހުގެ މިއަހަރުގެ އެންމެ ކުރު ދައުރަށްވާއިރު، ގިނަ ބިލްތަކެއްގެ މަސައްކަތް ދަނީ ކޮމިޓީތަކުގައި ކުރެވެމުންނެވެ. އަދި ބައެއް މައްސަލަތައް ދިރާސާކުރެއްވުމުގެ މަސައްކަތްވެސް ކޮމެޓީތަކުން ދަނީ ކުރައްވަމުންނެވެ.
މިދައުރުގެ ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ މޭމަހުގެ 16 ވަނަ ދުވަހުއެވެ.


