ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ “ދަ ޑިމޮކްރެޓްސް” ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމެއްގައި ޕާޓީ އުފެއްދުމަށް އީސީއަށް ފޯމު ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ. މި ބައްދަލުވުމުގައި ފިކުރެއްގެ ދިރުމަށް ތާޢީދު ކުރަށްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އާ ސިޔާސީ ޕާޓީއެއް އުފައްދާނެކަން ފިކުރެއްގެ ދިރުމުން އިޢުލާނުކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ތާއިދުކުރަށްވާ މަޖިލީހުގެ މެމްބަރުން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށާފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު އެމަނިކުފާނަށް ތާއިދުކުރާ މެމްބަރުން ގެންދެވީ ވަކި ޕާލިމެންޓްރީ ގުރޫޕެއް ހަދައިގެން ވަކިން ބައްދަލުވުންތައް ބާއްވައި ނިންމުންތައް ނިންމަމުންނެެވެ


