ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި މާލެއިން ރޭ ފުލުހުން ހައްޔަރުކުރި ޒުވާނާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.
ފުލުހުން ވަނީ މި މައްސަލާގައި ތިން ވަނަ މީހަކު ރޭ މާލެއިން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އެގޮތުން މާލެއިން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ޒުވާނެކެވެ.
މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކްރިމިނަލް ކޯޓުން އެޒުވާނާގެ ބަންދަށް 30 ދުވަސް ދީފައިވާ ކަމަށެވެ.
ނައީމާގެ މަރުގެ މައްސަލާގައި ފުލުހުން ހިންގަމުން އަންނަ ތަހުގީގަށް މީގެ ކުރިން މަނަދޫން ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 21 އަހަރުގެ ޒުވާނަކާއި 23 އަހަރުގެ ޒުވާނެކެވެ.
ނައީމާ މަރާލި މައްސަލައިގެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ އިރު، ނައީމާ މަރާލި ކަމަށް ތުހުމަތުކުރެވޭ ދެ ވަޅި އާއި ހަމަލާދިން އިރު ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު ފުލުހުން ވަނީ ހޯދައިފައެވެ. އެ ތަކެތި ހޯދީ މަނަދޫގައި ވަޅުލާފައި ހުއްޓައެވެ.


