ނޭޝަނަލް ފަރޓިލިޓީ ކެއަރ ޕްރޮގްރާމެއް ތަޢާރުފްކުރުމަށްޓަކައި ކުރައްވަންޖެހޭ ތައްޔާރީތައް ސަރުކާރުން ކުރައްވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ، ފަރޓިލިޓީ ސެންޓަރު ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަށާ ދަރިމައިވުމުގެ ފަރުވާއަކީ ރާއްޖޭގައި މުޅިން އަލަށް ފަށާ ފަރުވާއަކަށް ވިޔަސް، މިއީ ރާއްޖެއަށް ވަރަށް ބޭނުންތެރި ފަރުވާއެއްކަމަށެވެ. މިޚިދުމަތް ފެށުމުން ޙާޞިލުވާނެ އެންމެ ރަނގަޅު ނަތީޖާއަކީ، ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި ޢާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުޞަތު ލިބުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިޚިދުމަތް ފުޅާކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން ތަޢާރަފު ކުރައްވަން ތައްޔާރަވެވަޑައިގަންނަވަމުން އަންނަ ނޭޝަނަލް ފަރޓިލިޓީ ކެއަރ ޕްރޮގްރާމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ތަޢާރުފްކުރުމަށްޓަކައި، ރާއްޖެއިން ބޭރުގައި ޢަމަލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް، އެކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ބޭނުންތެރި ނިޒާމެއް ޤާއިމުކުރުމަކީ މުހިއްމު ކަމެއްކަމަށެވެ.
އެގޮތުން މިފަަދަ ޕްރޮގްރާމަކަށް ޝަރުތު ފުރިހަމަވާނެ މީހުން ކަނޑައެޅުމާއި، ދަރިމައިވުމުގެ ޞިއްޙަތާގުޅޭ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައި މިފަދަ ޚިދުމަތްތައް ދޭން ފެށުމުން، ރާއްޖޭން ބޭރުން މިފަދަ ފަރުވާތަކަށް ކުރާ އެތައް ޚަރަދެއްވެސް ސަލާމަތް ކުރެވި އޭގެ ފައިދާ ރާއްޖޭގެ އިޤްތިޞާދަށްވެސް ކުރާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރޓިލިޓީ ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުން ވަނީ އެ ސެންޓަރު ބައްލަވައިލައްވާފައެވެ. ޓްރީ ޓޮޕް ހޮސްޕިޓަލު މި ފަރޓިލިޓީ ސެންޓަރު ހުޅުވުމުގެ ބޭނުމަކީ ރާއްޖޭގައި ތިބި ދަރިމައިނުވުމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް ބޭނުންވާ ފަރުވާ ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމެވެ.


