ލޯންޗެއްގައި އެއްޗެއް ގޮވައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުން އެއްޗެއް ގޮވީ ރ.އުނގޫފާރުން މާލެއަށް ދަތުރުކުރި “ކްރިސްޓަލް ސްޕީޑް” ކިޔާ ފެރީ ލޯންޗުގައެވެ. އެގޮވުމުގެ ސަބަބުން 6 މީހަކަށް ވަނީ އަނިޔާ ވެފައެވެ. އެ ލޯންޗު މާލެ ދަތުކުރީ 39 މީހުންނާ އެކުއެވެ.
އެ ލޯންޗަށް އެހީވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާ ހިނގާފައިވަނީ އެރިޔަދޫ ރިސޯޓު ކައިރިން ކަމަށެވެ. އަދި އަނިޔާ ލިބުނު މީހުންނަށް އެރިޔަދޫ ރިސޯޓުގެ ކްލިނިކުން ފަރުވާ ދެމުންދާ ކަމަށާއި، ލޯންޗު އޮތީ އެ ރިސޯޓުގައި މަޑުކޮށްގެން ކަމަށެވެ. އަދި ލޯންޗުގައި ގޮވީ ބެޓެރިއެއް ކަމަށްވެސް ބުންޏެވެ.
ނަމަވެސް އެމީހުނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ސާފެއްނުވެއެވެ.


