ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް އިތުރު 23 ރިސޯޓެއްގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
މިކަން ހާމަކޮށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ރީ-ރަޖިސްޓާ ކުރާ އަދަދަށް ބަލާ އެ ރިސޯޓުތަކުގައި ފޮށި ބެހެއްޓުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. މިގޮތުން ވޯޓުލުމުގެ ހައްގު ލިބިގެންވާ 30 ފަރާތަކުން ރީ- ރަޖިސްޓްރޭޝަން ފޯމު މި މަހުގެ 17 އިން ފެށިގެން، 31 ގެ ނިޔަލަށް ކޮމިޝަނަށް ހުށަހަޅައިފިނަމަ، މިހާތަނަށް ވޯޓުފޮއްޓެއް ބެހެއްޓުމަށް ބޭނުންވެގެން އެދިފައި ނެތް 23 ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ- ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވައިލާފައި ވަނީ މިމަހުގެ 16 އިން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރިޔާސީ އިންތިހާބުގައި ވޯޓު ފޮށިތައް ބެހެއްޓެވުމަށް ހަމަޖައްސަވާފައިވާ ގޮތަށް ބަލާއިރު މާލޭ ސަރަހައްދުގައި އުޅޭ މާލޭގެ ރައްޔިތުންނާއި މާލެ ރަށްރަށުގެ ރައްޔިތުން ވޯޓްލުމަށް، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި 187 ވޯޓް ފޮށި ބަހައްޓަވާނެއެވެ. އަދި އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 78 ފޮށި، މާފުށީ ޖަލުގައި 2 ފޮށި، އައްސޭރި ޖަލުގައި 1 ފޮށި، ހުޅުމާލެ ޖަލުގައި 1 ފޮށި، ދޫނިދޫގައި 1 ފޮށި، ހުޅުލޭގައި 1 ފޮށި، ތިލަފުށީގައި 1 ފޮށި ބަހައްޓަވާނެއެވެ.
ރާއްޖެއިން ބޭރުގައި ބަހައްޓާ ފޮށިތައް ބަހައްޓަން ނިންމަވާފައިވާ ގޮތަށް ބަލާއިރު އިންޑިޔާގެ ޓްރިވެންޑްރަމްގައި 1 ފޮށި، އިންޑިޔާގެ ނިއުދިއްލާގައި 1 ފޮށި، މެލޭޝިޔާ ކުއަލަލަމްޕޫރުގައި 2 ފޮށި، ސިންގަޕޫރުގައި 1 ފޮށި، ސްރީލަންކާ ކޮލަމްބޯގައި 4 ފޮށި، އިނގިރޭސިވިލާތުގެ ލަންޑަންގައި 1 ފޮށި، ތައިލެންޑް ބެންކޮކްގައި 1 ފޮށި އަދި އެކުވެރި ޢަރަބި ޢިމާރާތް އަބޫދާބީގައި 1 ފޮއްޓާއި ޖަޕާން ޓޯކިޔޯ ގައި 1 ފޮއްޓެވެ
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ރީ- ރަޖިސްޓްރޭޝަނަށް ފަހު، ވޯޓުފޮށިތަކުގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.


