ހއ. އިހަވަންދޫ ބަނދަރު އަޕްގްރޭޑްކުރުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢު ނިންމައި، ބަނދަރު ހުޅުވައިފިއެވެ.
އިހަވަންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ބަނދަރު ހުޅުވައިދެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން އުޅުއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުއެވެ.
މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 21،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 284 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓެއް ވަނީ ޖަހާފައެވެ. އަދި މަގުބައްތިއާއި ނެރުބައްތި ހަރުކުރުމާއި 4582 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓްވެސް ވަނީ ހަދާފައެވެ.
މިއީ ސަރުކާރުގެ ބަޖެޓުން 59.07 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.


