މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ޚަބަރު ފަހުގެ

ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފިއެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ފަތިހު ބޭއްވި ދިދަ ނެގުމުގެ މިޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިރަސްމިއްޔާތުގެ ތެރެއިން ހެނދުނު 06:00 އާއެކު ޖުމްހޫރީ މައިދާނުގައި ހުންނަ ކޯއްޓޭއަށް ޤައުމީ ދިދަ ވަނީ ނަގާފައެވެ. އަދި ދިދަ ނަގާ ނިމުމުން ޤައުމީ ދިފާޢީ ބާރުގެ ބޭންޕާޓީގައި ޤައުމީ ސަލާމް ކުޅެފައިވެއެވެ.

ޖުމްހޫރީ މައިދާން ތަރައްޤީކޮށް ބޮޑު ކޯއްޓޭ ހަަދައި، އެ ކޯއްޓޭއަށް ދިދަ ނަގަންފަށާފައިވަނީ ދިވެހި ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުނު އަހަރުކަމުގައިވާ 1992 ވަނަ އަހަރުއެވެ.

ދިދަ ނެގުމުގެ އިތުރުން މި ރަސްމިއްޔާތުގައި ދުވަހާއިގުޅޭ ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. އިސްވެ މި ދުޢާ ކޮށްދެއްވާފައިވަނީ އިސްލާމިކް މިނިސްޓްރީގެ ދާޢީ އައްޝައިޚް ޢާޒިމް ޚާލިދުއެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އިއްޒަތްތެރީންގެ އިތުރުން ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މިނިވަން ދުވަހާއި ގުޅިގެން މިއަދު ހެނދުނު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. ރަަށްރަށުގައި މި ރަސްމިއްޔާތު ބާއްވާފައިވަނީ އެ ރަށެއްގައި ހުރި ސަރުކާރުގެ އެންމެ އިސް އިދާރާގައެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ