މަސްތުވާތަކެތި ރާއްޖޭގައި ވިއްކަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ސީރިޔަސް ތުހުމަތެއް ކުރައްވައިފިއެވެ.
“ރައީސް ޞާލިޙްގެ އެއް ބައިވެރިއެއް، ޖާބިރު އެބަ ބުނުއްވާ، ރައީސް ޞާލިޙް އަދި އިތުރަށް މަސްތުވާތަކެތި ފަސޭހަކޮށްދެއްވާނެ ވާހަކަ. އަޅުގަނޑަށް ނުފެނޭ މަޖަލަކަށް ހަދައިގެން ވެސް މި ބާވަތުގެ ވާހަކަ ދައްކާކަށް.” އައްޑޫ ސިޓީ ފޭދޫގައި ރޭ ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ރައީސް ޞާލިޙް މިފަދަ ބޮޑު ސީރިއަސް ތުހުމަތެއެއް ކުރެވިއިރު، ޖާބިރު ދެއްކެވި ވާހަކަފުޅާ ގުޅިގެންވެސް ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ރައީސް ޞާލިޙް އަށް މިފަދަ ތުހުމަތެއް ރައީސް ނަޝީދު ކުރެއްވީ ރައްޔިތުންގެ މަޖްލިސްގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރު ދެއްކެވި ވާހަކަ ފުޅަކާ ގުޅުވައިގެންނެވެ.
ރައީސް ނަޝީދު އިޝާރާތް ކުރެއްވީ، ސީއެންއެމްގެ ޓީވީ ޕްރޮގްރާމެއްގައި ދާދިފަހުން ޖާބިރު ދެއްކެވި ވާހަކަފުޅަކަށެވެ. އެޕްރޮގްރާމްގައި ޖާބިރު ވަނީ ދެވަނަ ދައުރަކަށް ރައީސް ޞާލިޙް ހޮވިއްޖެނަމަ މެޑިކަލް މަރުވާނާ ރާއްޖޭގައި ވިއްކުމުގެ ލައިސެންސް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.


