ހަނިމާދޫގައި އައު ފުޓުސަލް ދަނޑެއް ތަރައްޤީ ކުރަން ނިންމާ އެކަން ކޮށްދޭނެ ބަޔަކު ހޯދަން ހަނިމާދޫ ކައުންސިލުން އިއުލާން ކޮށްފިއެވެ.
ހަނިމާދޫ ކައުންސިލުން ބުނީ އެ ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ހަނިމާދޫގައި ފުޓުސަލް ދަނޑެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.
އެގޮތުން އޮގަސްޓް 23 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 އަށް އެ ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވާ 2023 ސެޕްޓެމްބަރ 3 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި އެކައުންސިލަށް ބީލަން ހުށައެޅުމަށް ވެސް އެ ކައުންސިލުން އެދިފައިވެއެވެ.
ބީލަން ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމަށް ބުނެފައިވެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެ ކަމަށްވެސް އެ ކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.
މިދަނޑު އެޅުމަށް އިއުލާން ކުރުމާ ގުޅިގެން ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ފިރާގް މުހައްމަދު ވިދާޅުވީ ކަންކަން ހޯދޭނީ އެރަށެއްގެ ޒުވާނުންނާ ރައްޔިތުން އަދި ކައުންސިލް އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.
“ސިޔާސީ ވައުދު ނުފުއްދި އޮތީ ހަމައެކަނި މި ސަރުކާރާ މި އެމްޕީ އަދި މި ކައުންސިލް އެކަންޏަކަށްނޫން، ނުކޮށްދެވޭ ކަންކަން ހުންނާނެ، އެއީ ތެދެއް، އެއީ ހުރިހާ ސަރުކާރެއްގެވެސް ހާލަތު، އެކަމަކު އޭގެ ދެގުނަ އިތުރަށް ކޮށްދެވުނު ކަންކަންވެސް ހުންނާނެ. އެކަން ގަބޫލުކުރުމާ ނުކުރުން އެއީ އެބޭފުޅެއްގެ ކަމެއް” ފިރާގު ވިދާޅުވިއެވެ.
ހަނިމާދޫއަށް މީގެ ކުރިން ނާންނަ ވަރުގެ ބޮޑު އިންގިލާބީ ތަރައްގީއެއް މި ގެނެސްދެނީ މި ދައުރުގައި ކަމަށާ، މިއީ ހަމަ ހުރެފަ އަންނަ ކަންކަމެއް ނޫން ކަމަށް ފިރާގް ވިދާޅުވިއެވެ.
” ހަނިމާދޫ މީގެ 4 އަހަރު ކުރިން ފެނިފަހުރި މީހާ މިއަދު ހަނިމާދޫއަށް އަރާފަ ބުނާނެ މި ހަމަ ހަނިމާދޫ ބާއޭ؟ މިވަރުން ނޭންގޭކަމަށް ހަދާ ސިޔާސީ މީހާއަށް ހެއްކަކަށް ފުދޭ، ހަމަ ގައިމުވެސް ހަނިމާދޫއަށް ރައީސް މި ކޮށްދެއްވާ ތަރައްގީ ހަނިމާދޫ ރައްޔިތުން ގަބޫލުކޮށް، ބަލައިގަނޭ ” ފިރާގު ވިދާޅުވިއެވެ.


