ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ހަމަޖައްސައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކެމްޕޭންގައި ފުރަތަމަ ފަހަރަށް ޑޯ ޓް ޑޯ ހަރަކާތް ފެއްޓެވުމުގެ ކުރިން ހުޅުމާލޭގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ފުރަތަމަ ފަސް އަހަރު ނިމިގެންދާއިރު ބޯހިޔާހިވަހިކަމެއް ނެތް މީހަކު ނުހުންނާނެ ކަމަށެވެ. އެކަމަކު އެކަން ކުރާނެ ގޮތުގެ އެއްްވެސް ތަފްސީލެއް ނުދެއްވަ އެވެ.
“ހަގީގަތުގައި އަޅުގަނޑުމެންގެ ވިސްނުމަކީ، ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ހަމަޖައްސައިދިނުން. އަޅުގަނޑުމެންގެ ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު، އިރާދަކުރެއްވިއްޔާ ގެދޮރުވެރިކަމަށް މަޑުކުރަން ޖެހޭ ރައްޔިތަކު ނުހުންނާނެ،” މުއިއްޒު ވިދާޅުވި އެވެ.
މި ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހި އޮތީ ދޫކޮށްލާފައި ކަމަށާއި ފްލެޓްތަކަށް މީހުން ވަންނަން އައިއިރު ހުރީ ފްލެޓްތަކުގެ މަސައްކަތް ވެސް ނުނިންމާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
“ފޭސް ދޭއް އޮތީ ދޫކޮށްލާފައި. އަޅުގަނޑުމެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ތަސައްވުރުގައި އޮތް ގޮތަށް ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރާނަން. ހުޅުމާލޭގެ ރައްޔިތުންނަށް ފޭސް އެކެއް، ފޭސް ދޭއް، މުޅި ހުޅުމާލެ ޔޫތް ސިޓީގެ ހަގީގީ މަންޒަރު ދައްކައިދޭނަން،” މުއިއްޒު ވިދާޅުވި އެވެ.


