ޑރ. މުއިއްޒުގެ ގިނަ ވައުދުތަކެއް ނޮޅިވަރަމްއަށް!

ފަހުގެ ސިޔާސީ

ހދ. ނޮޅިވަރަމްގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފިއެވެ.

ޑރ. މުއިއްޒު އަތޮޅުތެރެއަށް ކުރައްވާ ކެމްޕޭން ދަތުރުތައް މިއަދު ހދ. ހަނިމާދޫއިން ފައްޓަވައި، ދެވަނަ ރަށަކަށް ވަޑައިގެންނެވީ ނޮޅިވަރަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މުއިއްޒު ވިދާޅުވީ މި ރަށުގެ މަގުތައް އޮތް ހާލު ވަރަށް ރަނގަޅަށް ފެންނަން އޮތް ކަމަށެވެ. ނަމަވެސް، މިއަށްވުރެ މާ އާބާދީ ކުޑަ ރަށްރަށުގައި ތާރުއަޅާ މަންޒަރު ވެސް ފެންނަކަމަށް ވިދާޅުވިއެވެ.

“އެހެން ނަމަވެސް އާބާދީ ބޮޑެތި ރަށްތައް ދޫކޮށްލައިފައި އެއަށްވުރެ ކުދި ރަށްތަކުގައި އެކަން ވުމުން ތަރުތީބުގައި އޮޅުމެއް އެބައަރާ،” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ރައްޔިތުން އެދޭ ގޮތަށް ނޮޅިވަރަމްގެ ބޮޑެތި ހުރިހާ މަގެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހަދާނެކަމަށެވެ.

މީގެ އިތުރުން، މި ރަށުގައި ބަނދަރުގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ކޮށްފައިވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް، އާބާދީ ބޮޑުވެ ރައްޔިތުންނަށް އަންނަ ކުރިއެރުމާއި ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއެކު ބަނދަރު ބޮޑުކުރަންޖެހި، ބަދަލުތައް ގެންނަން ޖެހޭކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

“ބަނދަރުގެ ސައިޒު ބޮޑުކޮށް ނެރަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ބަނދަރުގެ ފަސޭހަކަން ހޯދައިދޭނަން،” މުއިއްޒު ވިދާޅުވިއެވެ.

މި ރަށުގައި ތިންވަނަ ޑިވިޝަނުން ފަށައިގެން ފުރަތަމަ ޑިވިޝަނާ ހަމައަށް ކުޅޭ ކުޅުންތެރިން ތިބިކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

“ފުޓުބޯޅަ ދަނޑެއް މި ރަށުގައި ނެތި އެހެން ރަށެއްގައި އޮވެގެން ވާނެކަމަކަށް ގަބޫލެއް ނުކުރެވޭ އަޅުގަނޑަށް. ފުޓްސަލް ދަނޑުގައި ޓާފް ނެއްޓި ވީރާނާވެފައި އޮންނަން ޖެހޭ ކަމަކަށް ގަބޫލެއް ނުކުރެވޭ،” މުއިއްޒު ވިދާޅުވިއެވެ.

ނޮޅިވަރަމްގައި ފުޓުބޯޅަ ދަނޑާއި ފުޓްސަލް ދަނޑާއި އެހެން ކުޅިވަރުތަކަށް ވެސް ވަސީލަތްތައް ގާއިމުކޮށްދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ، ތައުލީމަކީ ކޮންމެހެން ވެސް އިސްކަން ދޭން ޖެހޭ ކަމެއް ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ކުޑަކުދިން ތަރުބިއްޔަތުކުރުމަށް ކަމަށެެވެ.

މުއިއްޒު ވިދާޅުވީ 600އަށްވުރެ ގިނަ ކުދިން މި ރަށު ސްކޫލްގައި ކިޔަވާ ކަމަށާއި ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުމަކީ ދެ ދަންފަޅިއަށް ކިޔަވަން ޖެހުން ކަމަށެވެ. އަދި މި ރަށުގެ ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ 12 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލާއި ސައިންސް ލެބް ވެސް ގާއިމުވެފައިވާ ސްކޫލެއް މި ރަށުގައި ގާއިމުކޮށްދިނުމަށް އޭނާގެ ސަރުކާރެއްގައި އިސްކަންދެއްވާނެ ކަމަށެވެ.

އަދި ކުޅުދުއްފުށި ސިޓީގައި ރަނގަޅު ފެންވަރު ހޮސްޕިޓަލެއް އެޅި ނަމަވެސް، ނޮޅިވަރަމްގައި ރަނގަޅު ހޮސްޕިޓަލެއް ހުންނަން ޖެހޭ ކަމަށެވެ. މި ރަށަށް އެކަށީގެންވާވަރުގެ ހޮސްޕިޓަލެއް ހުންނަން ޖެހޭ ކަމަށާއި އޭނާގެ ވެރިކަމެއްގައި އެކަން ކުރާނެކަމަށް ވިދާޅުވިއެވެ.

“މި ދެއްކި އެއްވެސް ވާހަކައަކީ ހަމައެކަނި ވޯޓެއް ހޯދަން ދެއްކި ވާހަކައެއް ނޫން. އަޅުގަނޑުގެ ކިބައިން އެއްވެސް މީހަކަށް ނުފެންނާނެ ބުނާ ބަހާ އަމަލާ ދިމާނުވެ އޮތްތަނެއް، ދެން އޮތީ ގޮތް ނިންމުން. ރައްޔިތުން އަޅުގަނޑަށް އިތުބާރުކުރެއްވުން،” މުއިއްޒު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ