އަންނަ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށާއި މޮނިޓާ ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އުންމީދުކުރި ވަރަށް ރާއްޖޭގެ މޮނިޓަރުންނާއި އޮބްޒާވަރުންގެ ތަރުހީބު ނުލިބޭ ކަމަށެވެ.
އިސްމާއީލް ހަބީބު ވިދާޅުވީ ކޮމިޝަންގެ މެންބަރުން މަޝްވަރާކުރުމަށްފަހު އެ ފުރުސަތު އަންގާރަ ދުވަހުގެ ހަވީރު 3:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. މޮނިޓަރުންނާއި އޮބްޒާވަރުންނަށް ކުރިން ހުޅުވާލި ފުރުސަތު ހަމަވީ މިއަދު ހަވީރު 3:00 އަށެވެ.
ރިޔާސީ އިންތިހާބުގައި ބަހައްޓާ ވޯޓުފޮށިތަކަށް ކެންޑިޑޭޓުން މަންދޫބުން ކަނޑައެޅުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ފަސް ސިޔާސީ ޕާޓީއަކުން އަދި އަމިއްލަ ގޮތުން ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. މިއީ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބެވެ.


