ލެވާންޓޭ އަތުން ހޯދި މޮޅާއެކު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް ތާވަލުގެ އެއްވަނައަށް ޖެހިލީ އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ލެވާންޓޭ އަތުން 2-0 ން މޮޅުވެގެންނެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 16 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިނީޝިއަސް ޖޫނިއާއެވެ.
އަދި މި މެޗުގައި ރެއާލުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާއެވެ. މިއީ ރެއާލުގެ ޖާޒީގައި ބެންޒެމާ ކާމިޔާބުކުރި 250 ވަނަ ލަނޑެވެ.
މި މޮޅާއެކު ރެއާލް އެއްވަނައަށް ޖެހިލީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. އަދި ސެވިއްޔާ އަތުން ޕޮއިންޓެއް ހޯދި ވާދަވެރި ބާސާ އޮތީ ތާވަލުގެ ފަސްވަނައިގައި ތިން މެޗުން ހަތް ޕޮއިންޓާއެކުއެވެ. ބާސާގެ ފުލުން ހަވަނައިގައި އޮތް ސެވިއްޔާއަށްވެސް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފައެވެ.


