މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގައި ކައުންސިލުތަކުން ހިންގި ހަރަކާތްތަކުގެ ތަފްސީލީ ރިޕޯޓު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށައެޅި ކައުންސިލްތަކުގެ ނަންތައް އާންމުކޮށްފައިވާއިރު، އެ ލިސްޓުގައި ހަނިމާދޫ ކައުންސިލުގެ ނަމެއް ނުހިމެނެއެވެ. ނަމަވެސް ހަނިމާދޫއަށްވުރެ އާބާދީ މަދު ތިލަދުންމަތީ ދެކުނުބުރިއަށް ނިސްބަތްވާ ރަށްތައްވެސް އެ ލިސްޓުގައި ހިމެނިފައިވާކަން ފާހަގަކޮށްލެވެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 108 އަދި 109 ވަނަ މާއްދާގައި ވާގޮތުގެ މަތިން، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެއަހަރެއްގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލީ ރިޕޯޓް ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލްތަކަށް އަދި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެއަހަރެއްގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓް އަތޮޅު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށައެޅުމަކީ ކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޤާނޫނީ ޒިންމާއެކެވެ.
2020 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލީ ރިޕޯޓް، 2020 ޖުލައި 20 ވަނަ ދުވަހުގެ ނިޔަލަށް އެލްޖީއޭ އަށް ފޮނުއްވާފައި ވަނީ 3 ސިޓީ ކައުންސިލަކުންނާއި 15 އަތޮޅު ކައުންސިލަކުންނެވެ.
2020 ޖުލައި 10 ވަނަ ދުވަހުގެ ނިޔަލަށް 79 ރަށު ކައުންސިލަކުން އަތޮޅު ކައުންސިލަށް ރިޕޯޓް ފޮނުއްވާފައިވާކަމަށް އެލްޖީއޭ އިން ވަނީ ވިދާޅުވެފައެވެ. މި ކައުންސިލުތަކުން އެކައުންސިލުތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ އެލްޖީއޭ އިން ވަނީ އެކައުންސިލުތަކަށް މަރުހަބާ ދަންނަވާފައެވެ.


