ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ކެމްޕޭނަށް ބޭނުންކުރަމުން ގެންދާ ހޯނޑެއްދޫ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖަހައި ގެއްލުން ދީފިއެވެ.
ހޯނޑެއްދޫގައި ހުންނަ އެމްޑީޕީގެ ޖަގަހައަށް ކަޅުތެޔޮ ޖަހާފައިވާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ފޮޓޯތަކުން ފެންނަ ގޮތުގައި ހަރުގޭގައި ހުރި ގޮނޑި، މޭޒުފަދަ ތަކެއްޗަށް ވެސް ވަނީ ކަޅުތެޔޮ ޖަހައިފައެވެ.
ހޯނޑެއްދޫ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖަހާފައިވާއިރު، މިމަހުގެ 8 ވަނަ ދުވަހުގެ ދަންވަރު ގދ. މަޑަވެލީގައި އެމްޑީޕީގެ ޖަގަހައެއް ޒީނަތްތެރިކޮށް ޖަލްސާއަށް ތައްޔާރުކޮށްފައިވަނިކޮށް ބަޔަކުވަނީ އެތަނުގައި ހުޅުޖަހައި އަންދާލާފައެވެ.
ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިނަށް ހުރަސްއެޅޭފަދަ ކަމެއް ނުކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.


