ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭޓީސީ ރާޑަރު ކޮންޓްރޯލް ޓްރެއިނިން ފަށައިފި

ފަހުގެ ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭޓީސީ ރާޑަރު ކޮންޓްރޯލް ޓްރެއިނިން (އޭރިއާ ކޮންޓްރޯލް ސަވައިލަންސް ކޯސް – އައިކާއޯ 054) ކޯހެއް ފަށައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މި ޓްރެއިނިން ފަށާފައިވަނީ 6 ބައިވެރިންނާއެކު މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. އަށް ހަފުތާއަށް ފަރުމާކޮށްފައިވާ މި ކޯސް އަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ކޯހުގައި ތަމްރީނުތައް ފޯރުކޮށްދެނީ ގްލޯބަލް އޭ.ޓީ.އެސް/ ޔޫ.ކޭގެ ލީޑް އިންސްޓްރަކްޓަރ ރިޗަޑް ތޯމަސް ސްމިތު އާއި އެމްއޭސީއެލްގެ އިންސްޓްރަކްޓަރުން ކަމަށްވާ މުހައްމަދު އަތުހަރު އާއި އަހުމަދު ނަޒީރެވެ.

އެމްއޭސީއެލް އަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް އެއާ ނެވިގޭޝަންގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަށްވުމާއެކު، މި ކޯހަކީ ވެސް ކުންފުނީގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އެގޮތުން މި ކޯސް މެދުވެރިކޮށް އެއަރ ޓްރެފިކް ކޮންޓްރޯލް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ބާރުވެރިވެރި ކުރުވައި ކުންފުނީގެ އެއަރ ނެވިގޭޝަން ސަރވިސް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.

އެމްއޭސީއެލް އިން ވަނީ 2023 ވަނަ އަހަރު އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު ލައިސަންސްގެ ދެ ކޯހެއް އިފްތިތާހުކޮށްފައެވެ. އެއީ އޭރިއާ ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 055) އާއި އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 053) އެވެ. އެއީ އެމްއޭސީއެލް އިން އެއްފަހަރާ ދެ އޭޓީސީ ރޭޓިން ޓްރެއިނިން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ޓަވަރު ސިމިއުލޭޓަރު އެމްއޭސީއެލް އިން ހުޅުވީ 2021 ވަނަ އަހަރުއެވެ. މި ސިމިއުލޭޓަރަކީ އެއާ ޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީނު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ސިމިއުލޭޓަރެކެވެ.

އެމްއޭސީއެލްގެ ކަސްޓަމަރުންނާއި ސްޓޭކްހޯލްޑަރުންނަށް އެންމެ މަތީ ފަންތީގެ ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އިރު، ފުރަތަމަ ފަހަރަށް އޭޓީސީ ރާޑާ ކޮންޓްރޯލް ޓްރެއިނިން ދެވެން ފެށުމަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި އެ ކުފުނިން ދެކެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ