ށ. މިލަންދޫގައި އެއާޕޯޓެއް ހަދައިދޭން ޕީއެންސީގެ ރިޔާސީގެ ކެންޑިޑޭޓު، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިލަންދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީގެ ފިކުރަކީ އޭނާގެވެސް ތަރައްގީގެ ފިކުރު ކަމަށެވެ.
އެގޮތުން ކޮންމެ 30 މިނިޓަކުން ދެވޭ ހިސާބެއްގައި އެއާޕޯޓެއް ހެދުމަކީ ޔާމީންގެ ތަަސައްވަރެއް ކަމަށާއި އެ ތަަސައްވަރާ އެއްގޮތަށް މިލަންދޫގައި އެއާޕޯޓެއް ހަދައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
“މިލަންދޫގެ ރައްޔިތުން އަދި މި ދާއިރާގެ ރައްޔިތުންގެ އުއްމީދުކަމުގައިވާ އެއާޕޯޓު މި ރަށުގައި އެޅުމަކީ ކޮންމެހެން ކުރަން ޖެހޭކަމެއް. އެކަން އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް އަޅުގަނޑު ކޮށްދޭނަން. އެހެންނަމަވެސް ރިސޯޓު ހަދާނެ ރަށެއް މިތާ ކައިރިން ނުފެނޭ. ކޮންމެއަކަސް މި އަތޮޅުގައި ރިސޯޓުތައް ހެދޭނެ. ހެދިގެން ދިޔައީމަ، އަދި މި އަތޮޅަށް އެބަ އާދޭ އެހެން އެއާޕޯޓުތައް ވެސް. މި ހުރިހާ އެއާޕޯޓެއް ފީޒިބަލް ވާނީ އެކަށިގެންވާ ގޮތެއްގައި ބެޑުތައް، އެނދުތައް އިތުރުކުރެވިގެން. އެހެންވީމާ މި އަތޮޅުގައި، މިތާ ކައިރި އަތޮޅުތައް ހިމެނޭގޮތަށް ވެސް މި އަތޮޅުގައި ޓޫރިޒަމް އެނދުތައް އިތުރުކުރެވި، ޓޫރިޒަމްގެ ދާއިރާގެ ކުރިއަރައި ދާ އަތޮޅަކަށް މި އަތޮޅު ހަދާނަން،” މުއިއްޒު ވިދާޅުވި އެވެ.
މިލަންދޫގައި އެއާޕޯޓެއް ހަދަން މުއިއްޒު ވައުދުވެ ވަޑައިގެންނެވި އިރު، ވާދަވެރިޔާ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، އެ މަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ށ. ކުޑަފަރުގައި އެއާޕޯޓެއް ހައްދަވައިދެއްވާނެ ވައުދުވެވަޑައިގެންފަ އެވެ.