ބ. ތުޅާދޫ އެއަރޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު، ހިސާން ހުސައިނެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފައިވާ ގޮތުގައި ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު އެވެ. މި މަޝްރޫއުގެ ދަށުން ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ 44.70 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، ތުޅާދޫ ހިމެނޭހެން ތިން ރަށެއްގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާ ހަވާލުކުރިއެވެ. މި މަޝްރޫއު ހަވާލުކުރީ 42،450،783 (ސާޅީސް ދެ މިލިއަން ހަތަރު ލައްކަ ފާންސާސް ހާސް ހަތްސަތޭކަ އައްޑިހަ ތިން ޑޮލަރު) ނުވަތަ 654.6 މިލިއަން ރުފިޔާއަށެވެ.


