ނިމިދޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާފައިވަނީ 45 މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިތުރު މީހެއްގެ އެހީއަކާއި ނުލައި ލޯފަން މީހުންނަށް އެކަނި ވޯޓު ލެވޭނެ އިންތިޒާމު ހަމަޖައްސައި އަލަށް ވޯޓުލާން ފެށީ މިފަހަރުގެ އިންތިހާބުގަ އެވެ. މީގެ ކުރީގެ އިންތިހާބުތަކުގައި ލޯފަން މީހުން ވޯޓު ލަނީ އޮފިޝަލެއްގެ އެހީތެރިކަމާއިއެކު އެވެ. އެހެންކަމުން ވޯޓުގެ ސިއްރުކަން ގެއްލާކަމަށް އެމީހުން ބުނެއެވެ.
މިއާއެކު އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ގެނައި އިސްލާހާއެކު، ވޯޓުލުމަށް ޚާއްޞަ ޓެމްޕްލެޓަކާއެކު ލޯފަން މީހުންނަށް އަމިއްލައަށް ވޯޓު ލެވޭނެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރުގައި ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާފައިވަނީ 45 މީހުންކަމަށެވެ.
ލޯފަން މީހުންނަށް ފުރަތަމަ ފަހަރަށް ވޯޓު އަމިއްލަ އަތުން ލުމަށް ލިބުނު ފުރުޞަތަކީ މިނިވަންކަމެއްގެ ގޮތުގައި އެމީހުން ސިފަކުރެއެވެ.