ރައީސް ޞާލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ކަނޑައެޅި ކަންތައްތަކުގެ ތެރެއިން މާލެ ފިޔަވާ ރާއްޖޭގެ ތިން ސަރަހައްދެގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރު ގާއިމު ކުރުން ހިމެނެއެވެ.
ވައުދު ފުއްދުމަށް 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބު ކެމްޕޭން ދުވަސްކޮޅު ހުޅިވި ސެންޓަރުތަކުގެ ތެރޭގައި ހަނިމާދޫ ގައިވެސް ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވިގެން ދިޔައެވެ. މިތަން ހުޅުވައި ދެއްވީ ކެންޕޭނު ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ހަނިމާދޫއަށް ވަޑައިގެން، 31 މާރޗް 2019 ވަނަ ދުވަހުއެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ) އާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ މި ސެންޓަރަކީ މާލޭގައި ހުންނަ ޑްރަގް ސެންޓަރާއި އެއް ފެންވަރެއްގައި ފަރުވާ ދެވޭވަރަަށް، ހުރިހާ ވަސީލަތްތަކާއި އެކުގައި ހުޅުވި ތަނެއްކަމަށެވެ. އަދި ހަނިމާދު ސެންޓަރުން ފަރުވާ ދޭން ފަށާނީ ހުރިހާ މުވައްޒަފުން ހަމަވުމުން ކަމަށްވެސް ބުނެފައިވެއެވެ.
ހުރިހާ ވަސީލަތްތަކާ އެކުގައި ހުޅުވި ހަނިމާދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރު ހުޅުވިތާ އަހަރު ދުވަސް ފާއިތުވެ ދިޔައިރުވެސް އެތަނުގެ ހިދުމަތް އަދިވެސް ނުފެށެއެވެ. އެނގިފައިވާ ގޮތުން ހިދުމަތްދޭން ފެށިފައިނުވަނީ ފަރުވާ ލިބިގަންނަ ފަރާތްތަކަށް ކައުންސިލިން ދޭނެ ކައުންސެލަރެއް ހަމަޖެހިފައިނުވާތީއެވެ.
ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ފަރުވާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މިންވަރާއި މަސްތުވާތަކެތީގެ ވިހަ އެނާގެ ހަށިގަނޑުގައާއި ހިއްސުތަކުގައި ހިފައިފައި ހުންނަ މިންވަރު މާއްދީ ގޮތުން ކަނޑުވާލައި، މަސްތުވާތަކެތީގެ ވަބާއިން އޭނާ ސަލާމަތް ކުރުމަށް ސިއްހީ ފަރުވާދޭ ބައެއްގެ ބެލުމުގެ ދަށުން މަރުކަޒެއްގައި ބައިތިއްބައިގެން ދެވޭ ފަރުވާއެކެވެ


