ކައުންސިލްތަކުގެ މުވައްޒަފުންނަށް 35 އިންސައްތައިގެ އެލަވަންސެއް ދޭން ނިންމައިފި

ޚަބަރު ފަހުގެ

ކައުންސިލްތަކުގެ މުވައްޒަފުންނަށްވެސް 1 އޮކްޓޫބަރު 2023 އިން ފެށިގެން މި %35 އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރު އޮފީސްތަކުގެ ތެރެއިން 35 ޕަސެންޓްގެ އެލަވަންސް ނުލިބި ތިބި ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމަވާފައިވަނީ ސަރުކާރުގެ ވުޒާރާތަކުގައި ތިބި މުވައްޒަފުންނަށް %35 އެލަވަންސް ހަމަޖެހިގެންދިޔައިރު ލޯކަލް ކައުންސިލްގެ މުވައްޒަފުން ހިމެނިފައި ނުވާތީ، މިކަމުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާއި އެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިޢާޔަތްކުރުމާއެކު، މި އެލަވަންސް ނުލިބުމަކީ، ލާމަރުކަޒީގޮތުން ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އެ މުވައްޒަފުން ކުރަމުންގެންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށްވެފައި، ކައުންސިލްތަކުގެ މުވައްޒަފުންނަށްވެސް މި އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އެމަނިކުފާނަށް ޤަބޫލުފުޅުކުރެއްވޭތީއެވެ.

ކައުންސިލްތަކަކީ ދައުލަތުގެ ވުޒާރާތަކުގެ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތެއް ކަމަށްވެފައި، ދައުލަތުގެ ވުޒާރާތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށް %35 އެލަވަންސް ދިނުމުން، އެ މުވައްޒަފުންނާއި ކައުންސިލްތަކުގެ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިގެ ފަރަގު ބޮޑުވެފައިވުމުން، މި ފަރަގު ނައްތާލުމުގެ ގޮތުން، ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށްވެސް 1 އޮކްޓޫބަރު 2023 އިން ފެށިގެން މި %35 އެލަވަންސް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ