ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގެންފި އެވެ.
އެކަން އިއުލާން ކުރައްވައި އަލީ ވަހީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ގާސިމް އިބްރާހިމްގެ އަރިހުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ނުހަނު އަގުހުރި ތަޖުރިބާ އެއް ކަމަށެވެ.
“މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީން އަޅުގަނޑު ވަކިވެއްޖައީމެވެ. ދިވެހި ގައުމާ ރައްޔިތުންގެ ސަފުގައި ދެމި ހުންނާނަމެވެ،” ގާސިމުގެ ހާއްސަ އެޑްވައިޒަރަކަށް މިދިޔަ މަހު ހަމަޖެއްސެވި އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.
މި މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި އެ ޕާޓީގެ ލީޑަރު ގާސިމަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގަތް އިރު، އެ އިންތިހާބުގައި ގާސިމްގެ އިންތިހާބީ އެޖެންޓަކީ އަލީ ވަހީދެވެ.


