ވޯލްޑް ކަޕް ކޮލިފައިންއިން ޖާގަ ގެއްލިއްޖެ

ފަހުގެ ކުޅިވަރު

ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިން ފުރަތަމަ ބުރުގައި ރާއްޖެ ބަލިކޮށް، ކޮލިފައިން ދެވަނަ ބުރުގެ ޖާގައެއް ބަންގްލަދޭޝްއިން ހޯދައިފިއެވެ.

ބަންގްލަދޭޝްގެ ބަޝުންދަރާ އެރީނާގައި މިއަދު ހަވީރު ކުޅުނު ދެވަނަ ލެގުގެ މެޗުން ރާއްޖެ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ބަންގްލަދޭޝް އާއި ރާއްޖެ ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއެކު ބަންގްލަދޭޝަށް ކުރި ލިބުނީ 3-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ބަންގްލަދޭޝްއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އެމްޑީ ފައިސަލް އަޙްމަދު ފަހީމް ނަގައިދިން ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ރަކީބް ހުސެއިނެވެ. އެކަމަކު މެޗުގެ 36 ވަނަ މިނެޓުގައި ކޯނަރަކުން އައިސަމް އިބްރާހީމް ވަނީ ރާއްޖެއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ބަންގްލަދޭޝްއިން އަލުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަހީމެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ސޮހެލް ރަނާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އެއާއެކު މެޗުގެ ބޮޑުބައި ބަންގްލަދޭޝްއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް، ރާއްޖެއަށް ނަތީޖާ އެއްވަރުކުރެވިފައެއް ނުވެއެވެ. އަދި މެޗުގެ ފަހުކޮޅު ރާއްޖޭގެ އަހުނަފް ރަޝީދަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

މި މެޗުން މޮޅުވެ ބަންގްލަދޭޝް ވަނީ ކޮލިފައިންގެ ގޫރޫޕް އައި އިން ޖާގަ ހޯދާފަ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ އޮސްޓްރޭލިއާ އާއި ލުބުނާން އަދި ފަލަސްތީނެވެ.

ކޮލިފައިން ފުރަތަމަ ބުރުން ބަލިވުމާއެކު ރާއްޖެއަށް ވަނީ 2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުޞަތު ގެއްލިފައެވެ. އެކަމަކު 2027 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕުގެ ކޮލިފައިން ޕްލޭ-އޮފް ބުރުގައި ރާއްޖެ ވާދަކުރަން ޖެހޭއިރު، އެ ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ ބުރުގެ މެޗުތަކުން މޮޅުވާ ޓީމުތަކަށް އޭޝިއަން ކަޕުގެ ކޮލިފައިން ތިންވަނަ ބުރުން ފުރުޞަތު ލިބިގެންދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ