ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރު ކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އީސީން ބުނީ، މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ “ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު” އިން ކަމަށެވެ. މި ލިސްޓު ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ގައި އާންމުކޮށް ފެންނަން ހުންނާނެކަމަށްވެސް ބުނެފައިވެއެވެ.
މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ، އަންނަ ނޮވެމްބަރު މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެއީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. އެކަން ހަމަޖެހިވައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ފޯމު ހުށަހެޅުން، ނުވަތަ ކޮމިޝަންގެ އީމެއިލް އެޑްރެސް ކަމަށްވާ، info@elections.gov.mv އަށް އީމެއިލް ކުރާ ގޮތަށެވެ. ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
އީސީން ބުނީ، ރަޖިސްޓަރީވެފައިވާ ޕާޓީގެ މައުލޫމާތު ((PPR space ID-Number Send to 1414) އެސްއެމްއެސް މެދުވެރިކޮށް ޗެކް ކުރެވޭނެ ކަމަށެވެ.