މާލެ-ހުޅުމާލޭ ލިންކް ރޯޑުގައި ސޯލާ ޕެނަލް ހަރުކުރަން ނިންމީ 2017 ވަނަ އަހަރުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ވަޒީރުކަމުގައި ކަމަށް ސަރުކާރުން ބުނެފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިފަދައިން ބުނެފައިވަނީ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެތަނުން ނަގައި، ސޯލާ ޕަވަރއެއް ހިންގޭގޮތަށް އެހެން ރަށަކަށް ބަދަލުކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ.
މިނިސްޓްރީގެ ބަޔާނުގައިވަނީ މާލެއާއި ހުޅުމާލެ ގުޅުވައިދޭ ލިންކް ރޯޑުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއު އެކުލަވާލައި ކޮންސެޕްޓް ޑިޒައިން ތައްޔާރުކޮށް ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާ ތައް ފަށައި ނަގަންޖެހޭ ހުއްދަތައް ނަގާފައި ވަނީ ވެސް 2017ވަނަ އަހަރާއި 2018ވަނަ އަހަރާ ދެމެދުގައިކަމަށް ބުނެފައެވެ.
އެއް ސަރުކާރުން ފަށާ ޤައުމީ ތަރައްޤީގެ މިފަދަ މަޝްރޫޢުތައް ދެން އަންނަ ސަރުކާރަކުން ހުއްޓާ ނުލާ ކުރިއަށްގެންދިއުމަކީ ޤައުމެއް ކުރިއަރައި ދިއުމުގައި ދަމަހައްޓަންޖެހޭ އަސާސެއްކަމަށް ދެކި މި މަޝްރޫޢު ރައީސް ޔާމީނުގެ ސަރުކާރުން އެކުލަވާލި ކޮންސެޕްޓާ އެއްގޮތަށް މިހާރުގެ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމި މާލެ ސިޓީގެ ކަރަންޓު ވިއުގައާ ގުޅުވާލަން ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި، މި މަޝްރޫޢުގެ ދަށުން ލިންކް ރޯޑުގައި އިންސްޓޯލްކޮށްފައިވާ ޕެނަލްތައް ނަގާނެ ކަމަށް ބުނުމަކީ، އޭގެ ސަބަބުން ދައުލަތައް މާލީ ބޮޑު ބުރައެއް އުފުލަންޖެހޭނެ ކަމެއްކަން ފާހަގަކޮށް ސޯލާ ޕެނަލްތައް އެތަނުން ނަގައި އެހެން ރަށަކަށް ބަދަލުކުރާނަމަ ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކުރަންޖެހޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ބުނެފައެވެ.
އަދި މީގެ އިތުރުން، ބަދަލުކުރާ ރަށްރަށުގެ ކަރަންޓު ދިނުމުގެ ނިޒާމުގެ ހާލަތު ހުރިގޮތުން ނެޓްވޯކް އަޕްގްރޭޑް ކުރުމަށާއި ބެޓެރި ސްޓޯރޭޖް ގާއިމުކުރުމަށް އިތުރު ބޮޑު ޚަރަދެއް ކުރަންޖެހޭނެ ކަމަށް ބަޔާނުގައިވަނީ ފާހަގަކޮށްފައެެވެ.
އަދި މި ފަދަ ނިންމުންތަކަކީ، ރާއްޖޭގެ އިންވެސްޓްކުރަން ބޭރުގެ ފަރާތްތަކުން ޖެހިލުންވެ ވަރލްޑް ބޭންކް ފަދަ ރާއްޖެއަށް އެކި ރޮނގުރޮނގުން އެހީ ތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ރާއްޖެއާމެދު ދެކޭގޮތް ބަދަލުވެގެންދާނެކަންކަން ކަމަށްވީއިރު އެ ފަރާތްތަކުން ފޯރުކޮށްދެމުންދާ އަދި ފޯރުކޮށްދިނުމަށް ރާވާފައިވާ އެހީތަކާމެދެ ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުކުރުވާނެ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.