ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމާއި ބެހޭގޮތުން މަޝްވަރާކޮށްފި

ޚަބަރު ފަހުގެ

ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމާ ބެހޭގޮތުން ރާއްޖެއާއި ތުރުކީވިލާތާއި ދެމެދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައްކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ތުރުކީވިލާތުގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ފޮރެސްޓްރީ އިބްރާހީމް ޔުމާކްލީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމަށް މަންފާވާނެ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށް މަޝްވަރާ ކުރެވުނެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގުޅުން ބަދަހިކުރެވިފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ވަރުގަދަ ކުރުމާއި، ދޭދޭ އަދި ބައިނަލްއަޤްވާމީ ކަންކަމުގައި އިތުރު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

ދެ ބޭފުޅުންގެ މަޝްވަރާތަކުގައި، ދެ ޤައުމުގެ ދެމެދުގައި ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމާ ބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު އަދި މިނިސްޓަރ ޔުމާކްލީ ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތައް އެކުލަވާލައި ހިންގުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު އަދި މިނިސްޓަރ ޔުމާކްލީ މަޝްވަރާކުރެއްވިއެވެ.

މި އަހަރަކީ ދިވެހިރާއްޖެއާއި ތުރުކީވިލާތުގެ ޚާރިޖީ ގުޅުމަށް 44 އަހަރު ފުރޭ އަހަރެވެ. ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ މެއި 28، 1979 ވަނަ އަހަރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ