ތެލަސީމިއާ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމައިފި

ޚަބަރު ފަހުގެ

ބޯންމެރޯގެ ފަރުވާ ބޭނުންވާ ހުރިހާ އެންމެންނަށް އެ ފަރުވާ ފޯރުކޮށްދީ ރާއްޖޭގައި އެ ފަރުވާއަށް ހާއްސަކޮށްގެން ހޮސްޕިޓަލެއް ގާއިމު ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިކަން ވަނީ ނިންމާފައެވެ. ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތައް ތަފްސީލު ކޮށްދެއްވަމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ، ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވީ ބޯންމެރޯ ޓްރާންސްޕްލާންޓުގެ ޚިދުމަތް ފަހިކޮށް ދިނުމާ ގުޅޭ ގޮތުން ތިން ކަމެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް، ކުރިއަށް އޮތް އަހަރު ތެރޭގައި ދައުލަތުގެ ޚަރަދުގައި ފަސް ކުއްޖަކަށް ޓްރާންސްޕްލާންޓް ހަދައި ދިނުމަށާއި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ފުރަތަމަ ކުއްޖާ ފޮނުވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.ހަމައެއާއެކު، ބޯންމެރޯ ޓްރާންސްޕާލަންޓް ހެދުމަށް ދައުލަތުގައި ގިނަ ބަޔަކު އެދިފައިވުމުން، ކުރިއަށް އޮތް އަހަރުތަކުގައި، ޓްރާންސްޕްލާންޓަށް ޝަރުތު ހަމަވާ ކުދިންނަށް އެ އޮޕަރޭޝަން ހެދޭނެ ގޮތް މަގުފަހިކޮށްދިނުމަށާއި އެކަމަށް ޚާއްޞަ ނިޒާމެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ބޯންމެރޯ ހެދުމަށް 40 ކުދިން ތިބި ކަމަށާއި ސިއްހީ ގޮތުން އެ ފަރުވާއަށް 35 ކުދިން ކޮލިފައިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ. ކުރިއަށް އޮތް އަހަރު ތެރޭ ފަސް ކުދިންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

ތެލަސީމިއާ ހޮސްޕިޓަލް އެޅުމަށް 25 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށާއި އަދި ހޮސްޕިޓަލް ގާއިމުކުރާނީ މާލެ ސަރަހައްދުގައި ކަމަށް ވިދާޅުވިއެވެ. ނަމަވެސް ހޮސްޕިޓަލް އަޅާނެ ވަކި ތަނެއް މިހާތަނަށް ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ތެލަސީމީއާ ވާރުތަވޭތޯ ޓެސްޓު ކުރާ މީހުންގެ ތެރެއިން 30 ވަރަކަށް ޕަސެންޓް މީހުން، އެކަން ޔަގީން ކުރުމަށް ޑީއެންއޭ ޓެސްޓެއް ހަދަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ޚިދުމަތަށް އާސަންދަ ނުލިބޭ ކަމަށާއި އެހެންވެ، އެ ޓެސްޓަށް އާސަންދަ ކަވަރޭޖް ދޭން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތެލަސީމިއާ ހުންނަ މީހުން ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ދަގަނޑުގެ ބައި ހަރުލާފައި ހުންނަ މިންވަރު ދެނެގަތުމަށް އެވަރެޖްކޮށް ދެއަހަރަކުން އެއް އަހަރު ހަދާ ޓީ2 ސްޓާ ޓެސްޓަށް ވެސް، އާސަންދަ ކަވަރޭޖް ދޭން ކެބިނެޓުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށް ބޭނުންވާ ބޭހާއި ކޮންޒިއުމަބަލްސް އެސްޓީއޯ މެދުވެރިކޮށް އާސަންދައިގެ ތެރެއިން ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާއިރު ރާއްޖެއިން ނުލިބޭ ބޭސް، އާސަންދައިގެ ހަރަދުގައި އެސްޓީއޯ މެދުވެރިކޮށް މިހާރު ވެސް ފޯރުކޮށްދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ