ރައީސް މުއިއްޒުގެ ތުރުކީ، ދުބާއީ ދަތުރުފުޅަށް ހަރަދުވީ 3.4 މިލިއަން ރުފިޔާ

ޚަބަރު ފަހުގެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ކޮޕް28 ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ހަރަދުވީ 3.4 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު މިދިޔަ މަހުގެ 26 ވަނަ ދުވަހު އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ ތުރުކީއަށެވެ. އެ ދަތުރުފުޅަށް ފަހު، ދުބާއީ އަށް ވަޑައިގެން ކޮޕް28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތީ މި މަހުގެ 3 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް އޮފީހުން ހާމަ ކުރި މައުލޫމާތަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ހަރަދުވީ ޓިކެޓަށެވެ. ޓިކެޓުތަކަށް އެކަނި 2.4 މިލިއަން ރުފިޔާ ހަރަދުވިއެވެ.

އެގޮތުން ފަސްޓް ކްލާސްގެ ހަތަރު ޓިކެޓަށް 683،229ރ. ހަރަދުވި އިރު، ބިޒްނަސް ކްލާސްގެ 12 ޓިކެޓަށް 1.5 މިލިއަން ރުފިޔާ ހަރަދުވި އެވެ. އަދި އިކޮނޮމީ ކްލާސްގެ 12 ޓިކެޓަށް ހަރަދުވީ 232،086ރ. އެވެ.

ތުރުކީ ދަތުރުގެ ޕޮކެޓް މަނީގެ ގޮތުގައި 22 ބޭފުޅުންނަށް 217،828ރ. ވަނީ ހަރަދުވެފަ އެވެ. އަދި އިންސިޑެންޓަލްގެ ގޮތުގައި ހަރަދުވި 41،548ރ. އާ އެކު ޖުމްލަ 259،376ރ. ވަނީ ހަރަދުވެފައެވެ.

ތުރުކީގައި ރައީސް މުއިއްޒުގެ ވަފްދުގެ ބޭފުޅުންގެ އެކޮމޮޑޭޝަނާއި ފަރިއްކޮޅު ހަރަދާއި އެތެރޭގެ ހަރަދު ހަމަޖައްސައި ދިނީ ތުރުކީ ސަރުކާރުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް ދުބާއީ އަށް ކުރެއްވި ދަތުރުފުޅަށް ބަލާ އިރު، ޕޮކެޓް މަނީގެ ގޮތުގައި 19 ބޭފުޅުންނަށް 182،546ރ. ހަރަދުވެފައިވާ އިރު، ފަރިއްކޮޅު ހަރަދުގެ ގޮތުގައި ނުވަ ބޭފުޅުންނަށް 145،944ރ. ވަނީ ހަރަދުވެފަ އެވެ. ދަތުރުފަތުރަށް 75،488ރ. ހަރަދުވި އިރު، ނުވަ ބޭފުޅެއްގެ އެކޮމޮޑޭޝަނަށް 168،892ރ. ވަނީ ހަރަދުވެފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ދުބާއީ ދަތުރުފުޅުގައި ހިމެނޭ 10 ބޭފުޅަކަށް އެކޮމޮޑޭޝަން ހަމަޖައްސައި ދިނީ ދުބާއީ ސަރުކާރުންނެވެ.

ސިމް ކާޑް ގަތުމަށް 26،412ރ. ހަރަދުވި އިރު، ދުބާއީގައި ދިރިއުޅޭ ދިވެހިންނާ ރައީސް މުއިއްޒު ބައްދަލު ކުރެއްވުމަށް 155،182ރ. ހަރަދުވި އެވެ. އަދި އިންސިޑެންޓަލް ހަރަދުގެ ގޮތުގައި 20،766ރ. ހަރަދުކޮށްފައިވެއެވެ. ދުބާއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ޖުމްލަ ހަރަދުވެފައި ވަނީ 775،232ރ.އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ