ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އިން ހަނިމާދޫގައި ޗައިނީސް ލެންގުއޭޖް އެންޑް ކަލްޗަރ އޮރިއެންޓޭޝަން ވޯކްޝޮޕް ކުރިއަށް ގެންގޮސްފިއެވެ.
15 ބައިވެރިންނާއެކު މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ 18 ޑިސެމްބަރ 2023 ން 6 ޖެނުވަރީ 2024 ނިޔަލަށް ހަނިމާދޫގައި ހުންނަ ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން ،(ސީއެމްސީއޭ)ގެ ކަލްޗަރަލް އެންޑް ޓުރޭނިން ސެންޓަރުގައެވެ.
މި ވޯކްޝޮޕްގައި ކިޔަވައިދެއްވީ ޔަންގްޒޯ ޕޮލިޓެކްނިކް ކޮލެޖުގެ ޓީޗަރުން ކަމަށްވާ މިސް މާ ލެންގްލެންގް އާއި މިސް ވޭ ވޭވޭ އެވެ.
2021 ވަނަ އަހަރު ސެޕްޓެންބަރ 14 ވަނަ ދުވަހު ހަނިމާދޫގައި ވަނީ ސީއެމްސީއޭގެ ތިލަދުންމަތީގެ ސަރަހައްދީ އޮފީސް ހުޅުވާފައެވެ. އަދި ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން ،(ސީއެމްސީއޭ)ގެ ކަލްޗަރަލް އެންޑް ޓުރޭނިން ސެންޓަރެއް ހަނިމާދޫގައި ހުޅުވީ 2022 ވަނަ އަހަރު ނޮވެންބަރ 16 ވަނަ ދުވަހުއެވެ.
ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން 2015 ގައި އުފެއްދި ޖަމިއްޔާއެކެވެ.