ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލައިފިއެވެ.

ޓެކްސް ކޮމިޝަނަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެމަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 20 އަދި 21 ވަނަ ދުވަހު ހެނދުނު 08:00 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މިމަގާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ޝަރުތުތަކުގެ ތެރޭގައި، އިޤްތިޞާދީ، މާލީ، ވިޔަފާރި ނުވަތަ ޓެކްސްއާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރެއްގެ ސަނަދެއް ސަރުކާރު ޤަބޫލުކުރާ އިދާރާއަކުން ޙާޞިލުކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. ނުވަތަ ސަރުކާރުގެ މާލިއްޔަތާބެހޭ ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ.

މީގެއިތުރުން ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް، ޚިޔާނާތް، ރިޝްވަތު ނުވަތަ އިހުމާލުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަސްތުވާތަކެތީގެ މައްސަލައެއްގައި ޙުކުމެއް ކޮށްފައިވާ މީހެއް ނުވުންވެސް މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބޭނެކަމަށް އެ އޮފީހުން މައުލޫމަތުދެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ކުރިން ހުންނެވި، ފަތުހުﷲ އިސްތިއުފާދެއްވާފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓުގައި ތިމަރަފުށީ ދާއިރާއަށް ކުރިމަތިލެއްވުމުގެ ގޮތުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ