މަޖިލިސް އިންތިޚާބު އެޕްރީލް 21ގައި ބާއްވަން ނިންމައިފި

ޚަބަރު ފަހުގެ

އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް ފަސް ވަނަ އިސްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަޞްދީޤުކުރެއްވުމާއެކު ފަސްވި މަޖިލިސް އިންތިޚާބު އެޕްރީލް 21ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިރޭ ފާސްކޮށްފިއެވެ.

މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބާއްވަން ކަނޑައެޅި ތާރީޚަކީ އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހެވެ. ނަމަވެސް އެ ދުވަސް ރަމަޟާން މަހުގެ ތެރެއަށް ދިމާވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް މަޖިލިސް އިންތިޚާބު ފަސްކުރުމަށް ބިލެއް އެމްޑީޕީން ފާސްކުރިއެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ބިލު ފާސްކޮށް ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން އެމަނިކުފާނުވަނީ ބިލުގައި ހުރި ޤާނޫނީ މައްސަލަތަކެއް ފާހަގަކުރައްވައި އަނބުރާ ބިލު މަޖިލީހަށް ފޮނުއްވާފައެވެ. ބިލު އަނބުރާ ފޮނުއްވި ސަބަބުތަކުގެ ތެރޭގައި އިންތިޚާބު ފަސްކުރުމާ ގުޅުމެއް ނެތް ބައެއް ކަންކަން ބިލުގައި ހިމަނާފައިހުރިކަމާއި، ބިލުގައިވާ ގޮތަށް އިންތިޚާބު ފަސްކުރުމުން ޤާނޫނުއަސާސީގައި ވަކި މުއްދަތެއްގައި ކުރަން ކަނޑައަޅާފައިވާ ކަންކަން އެ މުއްދަތުގައި ނުކުރެވިދާނެކަމުގެ ކަންބޮޑުވުން ފާހަގަކުރެއްވިއެވެ.

ނަމަވެސް އިދިކޮޅު އެމްޑީީޕީގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުންވަނީ އެ ބިލު ކުރިން ފާސްކުރި ގޮތަށް އަލުން ފާސްކޮށްފައެވެ. އެއާއެކު އެ ބިލު ތަސްދީގުކުރެއްވުމާމެދު ބަންޑާރަނައިބުގެ ލަފާފުޅަކަށް އެދިވަޑައިގަންނަވާނެކަން މިއަދު ރައީސް ހާމަކުރެއްވިއެވެ.

ބަންޑާރަނައިބުގެ ލަފާފުޅާއެކު ރައީސް މިރޭ އެބިލު ތަސްދީގުކުރެއްވުމުން އިންތިޚާބު ބާއްވާނެ ތާރީޚާމެދު ގޮތެއް ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ކުއްލި ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި ކޮމިޝަނުން ނިންމާފައިވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގައި އިންތިޚާބު ބޭއްވުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ