ބޮޑުފޮޅުދޫގެ ޒުވާނުނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހޭވައްލާ މަހާ ސަމާ ފަށައިފިއެވެ. މި މަހާ ސަމާ ފަށާފައިވަނީ 16 ޑިސެންބަރ 2020 ވީ ބުދަ ދުވަހުގެ ހަވީރެވެ. ހޭވައްލާ މަހާ ސަމާ ކުރިއަށް ގެންދަނީ ރެވޮލިއުސަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ސްޕޯޓްސް ކްލަބް (އާރު.ބީ.ޖީ.އެސް.ސީ) އާއި ބޮޑުފޮޅުދޫ ކައުންސިލް ގުޅިގެންނެވެ.
މި މަހާ ސަމާ ކުޅިވަރު ފެސްޓިވަލާއި ބެހޭ ގޮތުން ގޮށްކޮޅަށް މައުލޫމާތު ހިއްސާ ކުރައްވަމުން އާރު.ބީ.ޖީ.އެސް.ސީ ގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ މި މަހާ ސަމާ ގައި 4 ކުޅިވަރު ކުޅޭން ހަމަޖެހިފައި ވާކަމަށާއި، އެއީ އަންހެން ކަނބަލުނަށް ވޮލީ މުބާރާތަކާ ފިރިހެން ބޭފުޅުންނަށް ހާއްސަކޮށް ޕާކް ވޮލީ މުބާރަތަކާ، ފުޓްސަލް މުބާރަތެއްގެ އިތުރުން ބަށި މުބާރާތެއްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.
އިއްޔެ ހަވީރު ފެށުނު ހޭވައްލާ މަހާ ސަމާ ގައި ފުރަތަމަ ކުޅެފައި ވަނީ އަންހެން ކަނބަލުންގެ ވޮލީ އެވެ. ފުރަތަމަ މެޗުގައި ވާދަކުރީ ނުސިހޭނެ އާއި ނުގުޑާނެއެވެ. 3-1 މި މެޗު ކާމިޔާބު ކުރީ ނުގުޑާނެއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކީ ނުގުޑާނެ ޓީމްގެ ޖާޒީ ނަންބަރު 11 އައިޝަތު ވިރާޝާ އެވެ. މޮޅު ކުޅުން ތެރިޔާއަށް އިނާމް ހަވާލު ކޮށްދެއްވީ ކައުންސިލްގެ ރައީސް ސުޖާއު އާދަމެވެ.
ރޭ ވަނީ މި މަހާ ސަމާގެ ފުޓްސަލް މުބާރާތުގެ 2 މެޗެއްވެސް ކުޅެފައެވެ.
ފުރަތަމަ މެޗުގައި ބައްދަލު ކުރީ ޓީމް ޓްރިޕްލް ސެވެން އާއި ނުސިހޭނެ އެވެ. މި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރު ވީ އިރު، މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ނުސިހޭނެ ޓީމްގެ އަލީ ރާފިއުއެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ ޓެލެންޓޯ އާއި ވައި.ޕީ ސްޓާރ އެވެ. މި މެޗު 1-2 އަކުން ވައި.ޕީ ސްޓާރ ކާމިޔާބު ކުރިއިރު، މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ވައި.ޕީ ސްޓާރ ގެ ޖާޒީ ނަންބަރު 6، އަލީ ޝާހުއެވެ.
މި މުބާރާތުގެ މެޗުތައް މިއަދުވެސް ކުރިއަށްދާއިރު، މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވަނީ ޕާކް ވޮލީ މުބާރާތުގެ މެޗުތަކެވެ.
މިއީ ރެވިލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ސްޕޯޓްސް ކުލަބު (އާރު.ބީ.ޖީ.އެސް.ސީ)ގެ އިސްނެގުމާއިއެކު، އެ ކުލަބުން މި އަހަރުގެ ކުޅިވަރު ހަރަކާތްތައް ނިންމާލުމުގެ ގޮތުން ކުރިއަށް ގެންދާ މަހާ ސަމާއެކެވެ. މި މަހާ ސަމާގެ މެއިން ސްޕޮންސާރ އަކީ އއ. އުކުޅަސް ކޮރަލް ސްޕީޑެވެ. ކޯ ސްޕޮންސާރ އަކީ ކެޕްޓަން މޯލްޑިވްސް އަދި އައިލެންޑް ބެވަރޭޖަސް ޕްރައިވެޓް ލިމިޓެޑެވެ.
ފޮޓޯ : ނައުފަލް












