ސުޕްރީމް ކޯޓުގެ ޙުކުމަށް ޢަމަލު ނުކުރަން މަޖިލީހުން ފާސްކޮށްފި

ޚަބަރު ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ގުނަންވާނީ. މިހާރު ހުސްވެފައިވާ ގޮނޑިތައްވެސް ހިމަނައިގެންކަމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމަށް ޢަމަލު ނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމުގައި ހުސްވެފައިވާ ގޮނޑިތައް ނުހިމެނުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައެވެ. އެގޮތުން 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު ޤަވާއިދަށް ގެނައި އިސްލާހުގެ ދަށުން މެންބަރުން ގުނަނީ 80 މެންބަރުންގެ ގޮތުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ އިޞްލާހު ބާޠިލްކަމަށް ހުކުމްކުރައްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ޙުކުމުގައި ވަނީ ޖުމްލަ މެންބަރުންގެ ޢަދަދާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ފުރަތަމަ ގެނައި އިސްލާހުތައް ގާނޫނުއަސާސީއާއި ޚިލާފުކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދު ގުނާއިރު އިސްތިއުފާ ދިން މެންބަރުން ނުގުނައި ގޮތަށް ގަވާއިދަށް ގެނައި އިސްލާހު، އުވާލަން ހުށަޢަޅުއްވާފައެވެ. އަސްލަމް ވިދާޅުވީ، ސުޕްރީމް ކޯޓުން ކުރި ހުކުމުން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ޚިލާފު ކަމަށް ކަނޑައަޅުއްވާފައިވާތީ، ގަވާއިދަށް ގެނައި އެއިޞްލާހު އުވާލަން ހުށަހަޅުއްވާ ކަމަށެވެ.

އެހެންކަމުން މިއަދުގެ ޖަލްސާ ފެއްޓެވީވެސް މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 މެންބަރުންކަމަށް ބަލައިގެންނެވެ. އަދި ޖަލްސާ ފަށަން ބޭނުންވާ ކޯރަމަކީ 22 މެންބަރުންކަމަށް ބަލައިގެންނެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުންގެ ނުރުހުން ރިޔާސަތަށް އަމާޒުކުރިއެވެ. އަދި ފާޑުވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވިލިނގިލީ ދާއިރާގެ އެމްޑީޕީ މެންބަރު ސަޢުދު ޙުސައިން ވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް ޢަމަލު ނުކޮށް، މަޖިލީހުގެ ޖުމްލަ ޢަދަދަކީ 80ކަމަށް ބަލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުށައަޅުއްވާފައެވެ. ސަޢުދުގެ އެ ހުށައެޅުއްވުމަށް ތާޢިދުކުރެއްވީ ގަލޮޅު އުތުރު ދާއިރާގެދަ ޑިމޮކްރެޓްސްގެ މެންބަރު ޢީވާ ޢަބްދުﷲއެވެ.

އެ ހުށައެޅުމަށް ވޯޓަށް އެހުމުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 25 މެންބަރުންގެ ތެރެއިން 23 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އެ ހުށައެޅުމާ ދެކޮޅަށް ވޯޓު ދެއްވީ 2 މެންބަރުންނެވެ.

“މިގޮތަށް ފާސްވުމާއި ގުޅިގެން ދެން މަޖިލީހުގެ ޖަލްސާތަކުގައި ވޯޓު ނެގުމުގައި މަޖިލީހުގެ ޖުމްލަ ޢަދަދުކަމުގައި މަޖިލީހުގެ ރިޔާސަތުން ބަލަމުންދާނީ 80 މެންބަރުންކަމުގައި ދަންނަވަން.” މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ޤަވާއިދަށް މެންބަރުން ގެންނަވާފައިވާ އިޞްލާހުގައި ވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާނީ އެވަގުތަކު މަޖިލީހުގައި ތިބި މެމްބަރުންގެ ޖުމްލަ އަދަދަށްކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ