ރެވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ސްޕޯޓްސް ކްލަބް (އާރު.ބީ.ޖީ.އެސް.ސީ) އާއި އއ.ބޮޑުފޮޅުދޫ ކައުންސިލް ގުޅިގެން ބޮޑުފޮޅުދޫ ގެ ކުޅިވަރު ކުޅޭ އެންމެހައި ފަރާތްތަކަށް އަމާޒްކޮށްގެން ކުރިއަށް ގެންދާ ހޭވައްލާ މަހާސަމާގެ ”ޕާރކް ވޮލީމުބާރާތް، 17 ޑިސެމްބަރ 2020 ވީ ބުރާސްފަތި ދުވަހު ހަވީރު ބޮޑުފޮޅުދޫ ވޮލީ ކޯޓްގައި ފަށައިފިއެވެ. ޕާރކް ވޮލީ މުބާރާތް ފައްޓަވާދެއްވީ އއ.ބޮޑުފޮޅުދޫ ސްކޫލްގެ ޕްރިންސިޕަލް މޫސާ ނިމާލްއެވެ.
ޕާރކް ވޮލީ މުބަރާތާއި ބެހޭ ގޮތުން ގޮށްކޮޅަށް މައުލޫމާތު ހިއްސާ ކުރައްވަމުން އާރު.ބީ.ޖީ.އެސް.ސީ ގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ ޕާރކް ވޮލީ މުބާރާތުގައި ޖުމްލަ 4 ޓީމެއް ބައިވެރިވެފައި ވާ ކަމަށާއި، މި ހޭވައްލާ މަހާސަމާގައި ގިނަ ކުޅުންތެރިންތަކަކަށް ފުރަސަތު ލިބިގެން ގޮސްފި ކަމަށެވެ.
މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރީ ޓީމް މޮހޮރު އަދި ޓީމް ސްޕައިކާރ އެވެ. 2 ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރީ ޓީމް މޮހޮރުން ނެވެ. ޓީމް މޮހޮރު މެޗް ކާމިޔާބު ކުރިނަމަވެސް ސެޓްތަކުގެ ސްކޯރ ގޮސްފައިވަނީ ވަރަށް ވާދަވެރިކޮށެވެ. މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ މޮހޮރު ޓީމްގެ ޖާރޒީ ނަމްބަރ 9، އަންވަރު އަލީއެވެ.
މީގެއިތުރުން ރޭ ވަނީ ހޭވައްލާ މަހާސަމާގެ ފުޓްސަލް މުބާރާތުގެ 2 މެޗު ކުރިއަށް ގެންގޮސްފައެވެ. ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ވާދަކުރީ ވައިޕީ ސްޓާރ އާއި ސޯލޯ ލޯބޯއެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗު 2-1 ގެ ނަތީޖާއަކުން މެޗް ކާމިޔާބު ކުރީ ވައިޕީ ސްޓަރ އެވެ. ވައިޕީ ސްޓަރގެ ދެ ގޯލް ވެސް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ 6 ނަންބަރު އަލީ ސާހް އެވެ. މި މެޗުގައި ސޯލޯ ލޯބޯ އަށް ކާމިޔާބުވި ގޯލަކީ އެޓީމްގެ ޖާރޒީ ނަންބަރ 5، ހުސެއިން ނަވާޒް ގޯލްއަށް ފޮނުވާލި ބޯޅަ ވައިޕީ ސްޓަރގެ ކުޅުންތެރިޔަކު އަތުން ބައިކޮޅަށް ވަތް ގޯލެގެވެ.
ރޭ ކުޅެވުނު ދެވަނަ މެޗުގައި ވާދަކުރީ ޓެލެންޓޯ އާއި ނުސިހޭނެއެވެ. މި މުޗު 1-7 ގެ ނަތީޖާއިން ޓެލެންޓޯ ކާމިކުރިއިރު މެޗުގައި ޓެލެންޓޯގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މޮޅު ކުޅުންތެރިޔާގެ ލިބިފައި ވަނީ ޓެލެންޓޯ ޓިމްގެ ޖާރޒީ ނަންބަރު 10، އަލީ ޝިނާޒް އެވެ.
ހޭވައްލާ މަހާސަމާގެ ފޯރިގަދަ މެޗުތައް މިއަދު އަދި މިރޭވެސް ކުރިއަށް ދާނެއެވެ. މިއަދު ހަވީރު ކުރިއަށްދާނީ އަންހެން ވޮލީ މުބާރާތު 2 ވަނަ މެޗެވެ. އަދި މިރޭ ކުރިއަށް ދާނީ ފުޓްސަލް މުބާރާތުގެ ދެ މެޗުކަމަށް އާރުބީޖީ ސްޕޯރޓްސް ކުލަބުން މައުލޫމަތު ދެއެވެ.
އެގޮތުން، މިއަދު ހަވީރު 16:00 ގައި ވާދަކުރާނީ އަންހެން ވޮލީ މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވި ނުގުޑާނެ އަދި ސްޓްރެއިންޖާރސްއެވެ. އަދި މިރޭ ފުޓްސަލް މުބާރާތުގައި 20:30 ގައި ބައްދަލު ކުރާނީ ޓެލެންޓޯ އާއި ޓްރިޕަލްސެވަން އެވެ. 21:45 ގައި ބައްދަލު ކުރާނީ ސޯލޯ ލޯބޯ އާއި ނުސިހޭނެ އެވެ.
މިއީ ރެވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ސްޕޯޓްސް ކުލަބު (އާރު.ބީ.ޖީ.އެސް.ސީ)ގެ އިސްނެގުމާއިއެކު، އެ ކުލަބުން މި އަހަރުގެ ކުޅިވަރު ހަރަކާތްތައް ނިންމާލުމުގެ ގޮތުން ކުރިއަށް ގެންދާ މަހާސަމާއެކެވެ. މި މަހާސަމާގެ މެއިން ސްޕޮންސާރ އަކީ އއ. އުކުޅަސް ކޮރަލް ސްޕީޑެވެ. ކޯ ސްޕޮންސާރ އަކީ ކެޕްޓަން މޯލްޑިވްސް އަދި އައިލެންޑް ބެވަރޭޖަސް ޕްރައިވެޓް ލިމިޓެޑެވެ.
ފޮޓޯ : އާރުބީޖީ ސްޕޯރޓްސް ކުލަބުން



