މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ލޯގޯ އާންމުކޮށްފި

ޚަބަރު ފަހުގެ

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ލޯގޯ އާންމުކޮށްފިއެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ އުފެއްދެވި އިދާރާއެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިންގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ގަވަނިން ބޯޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވަނީ އެކުލަވާލައްވާފައެވެ. އިދާރާގެ ޗެއަޕާސަންއަކަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުވަނީ އައްޔަން ކުރައްވާފައެވެ. މިހާރު މިވަނީ މި އިދާރާގެ ލޯގޯވެސް އާންމުކުރައްވާފައެވެ.

ލޯގޯ އާންމުކުރައްވާ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ލޯގޯ އިފްތިތާޙުކުރެވުމަކީ ލިބޭ އުފަލެއްކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ކުރިއެރުވުމަށް ގެންގުޅުއްވާ ތަޞައްވުރު ޙާސިލުކުރުމަށްޓަކައި ގަވަރނަންސް، ސްޓްރެޓެޖީ އަދި އޮޕަރޭޝަންސް ފްރޭމްވޯރކް ހަމަޖެއްސުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރިއަށްގެންދާނެކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކުރެއްވީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިންގ ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމަށެވެ.

ދިވެހިރާއްޖޭގައި އޯފް-ޝޯ އަދި އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ޤާއިމުކުރުމާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމާއި، ދިވެހިރާއްޖޭގެ މާލީ ބާޒާރު ތަރައްޤީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ޙައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައްކުރުމަކީވެސް މި އިދާރާ އުފެއްދެވުމުގެ މަޤްޞަދެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ