ވިޔަފާރިތަކަށް ބީއެމްއެލްއިން ބަލްކު ޕޭމަންޓް މިހާރު ޓްރާންސްފާ ކުރެވޭނެ

ޚަބަރު ފަހުގެ

ބޭންކް އޮފް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބަލްކް ޕޭމަންޓު ފޮނުވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ބީއެމްއެލްއިން ބުނީ މުސާރަ، އެލަވަންސް، ބޯނަސް، ހިއްސާގެ ފައިދާ، ޕެންޝަން ފައިސާ ފަދަ އެއް ފަހަރާ ގިނަ ފަރާތްތަކަށް ޖަމާކުރަން ޖެހޭ ފައިސާ ފަސޭހަކަމާއެކު ޓްރާންސްފާ ކުރެވޭ ގޮތަށް ބިޒްނަސް އިންޓަނެޓް ބޭންކިންއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތުން މި ހިދުމަތަށް ރަޖިސްޓްރީވުމުން، ވިޔަފާރިތަކަށް ދިވެހި ރުފިޔާއިން އަދި ޔޫއެސް ޑޮލަރުން ބީއެމްއެލްގެ އެކި އެކައުންޓުތަކަށް އޮޓޮމެޓިކްކޮށް ބަލްކު ޕޭމަންޓު ހެދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ ކޯޕަރޭޓް ބޭންކިންގެ ޑައިރެކްޓާ އަހުމަދު އަސީފް ވިދާޅުވީ މިބަދަލާއެކު، އިންޓަރނެޓް ބޭންކިން މެދުވެރިކޮށް އެކި ބާވަތުގެ ބަލްކު ޕޭމަންޓް ހެދުމާއި، ޑުޕްލިކޭޓް ރިކޯޑްތައް ފާހަގަ ކުރުމާއި، ވަކިވަކި ޕޭމަންޓްތަކުގެ ޕޭމަންޓް ސްޓޭޓަސް ބަލާލެވޭނެ ކަމަށެވެ.

“ޑިޖިޓަލައިޒް ކުރުމަކީ އަޅުގަނޑުމެންގެ ސްޓްރެޓަޖީގެ ވަރަށް މުހިންމު ބައެއް. ބޭންކިން ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތްކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަވަސް، އަދި ހިދުމަތް ހޯދުމުގައި އެފަރާތްތަކުން ބޭނުންވާފަދަ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމި ތިބޭނަން،” އަހުމަދު އަސީފް ބުންޏެވެ.

ބީއެމްއެލްއަކީ ރާއްޖެއަށް ވަރަށް ގިނަ އައު ހިދުމަތްތަކެއް ތައާރަފުކުރި ބޭންކެއްކަން ފާހަގަކުރައްވާ އަހުމަދު އަސީފް ވިދާޅުވީ ބޭންކުގެ ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ސޮލިއުޝަންސް ހޯދައިދިނުމަށް އީޖާދީ ޕާޓްނަރުންނާއެކު މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އިންޓަނެޓް ބޭންކިން ބޭނުންކުރަމުންދާ ވިޔަފާރިތަކުން، އަލަށް ތައާރަފްކުރި މި ހިދުމަތަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ