މި އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީއިން މިދިޔަ މަހުގެ 25 ވަނަ ދުވަހު އާންމުކޮށްފައިވާ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.7 އިންސައްތައިގެ ކުރިއެރުމެއް އާންމުދަނީއަށް ވަނީ ލިބިފައެވެ.
އެގޮތުން މިއަހަރު މިހާތަނަށް ދައުލަތަށް 11.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަކީ 10.7 ބިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން ޓެކްސްތަކަށް 9.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އޭގެ އިތުރުން، އިތުރުން އެހީގެ ގޮތުގައި 51.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޓެކްސް އާމްދަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމްޕޯޓް ޑިއުޓީ އާއި ބީޕީޓީގެ އިތުރުން ޖީއެސްޓީއެވެ.
ޓެކްސް އާމްދަނީގެ އަދަދުތައް:
އިމްޕޯޓް ޑިއުޓީ (700 މިލިއަން ރުފިޔާ)
ބީޕީޓީ (2.6 ބިލިއަން ރުފިޔާ)
ޖީއެސްޓީ (5.1 ބިލިއަން ރުފިޔާ)
ގްރީން ޓެކްސް (374.8 މިލިއަން ރުފިޔާ)
އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސް (348.5 މިލިއަން ރުފިޔާ)
އެ މިނިސްޓްރީން ބުނީ މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތައް 12.6 ބިލިއަން ރުފިޔާގައި ހުރި އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދަށް 15.8 ބިލިއަން ރުފިޔާ ހޭދަވި ކަމަށެވެ