އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅެނިކޮށް ލޯންޗަކުން ޖެހި މިއަދު މަރުވި މީހާގެ ހަށިގަނޑުގެ ބޮޑުބައެއް އޮތީ ވަރަށް ބޮޑަށް ކަފައިގެން ގޮސްފައި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފިއެވެ.
މިއަދު ހެނދުނު މާމިގިލިން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދިޔަ ލޯންޗަކުން ޖެހި އެ ހާދިސާގައި މަރުވީ ފ. ފީއައްޔަށް ނިސްބަތްވާ ‘ޓްވިންސް’ ނަމަކަށް ކިޔާ ދޯންޏެއްގެ ބަންގްލަދޭޝް ފަޅުވެރިއެކެވެ.
ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ ދޯނީގެ މީހުން އެ ސަރަހައްދުގައި ފާނަ މަސްވެރިކަން ކުރަމުން ދިޔައީ ބާސްކެޓުގައި ސަލާމަތީ ގޮތުން ނަގަންޖެހޭ ދިދަވެސް ނަގައިގެންނެވެ.
ދަނގެތީ ކައުންސިލުގެ ރައީސް މުއާވިޔަތު ރަޝީދު މިޑިޔާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެ މީހާ މޫދުން ނަގައިގެން ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި އޭނާގެ ބޮލުން ފެށިގެން ފޫޅާ ހަމައަށް ކަފައިގެން ގޮސްފައި އޮތް ކަމަށްވެސް ވިދާޅުވިއެވެ.
“މޭމަތި އެއްކޮށް އޮތީ ގޮސްފައި. އެކަމަކު ހަށިގަނޑު ވައްކަތް ނުވޭ. ފުއްކިބައިންވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި އޮތީ،”ރައީސް
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ ހާދިސާއާ ގުޅިގެން ލޯންޗު ދުއްވަން އިން މީހާ މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.