އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމައިފި

ޚަބަރު ފަހުގެ

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކާ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ކޮމިޓީގައި ހިމެނެނީ ހޯމް މިނިސްޓަރާއި، ފޮރިން މިނިސްޓަރާއި، އިކޮނޮމިކް މިނިސްޓަރުގެ އިތުރުން ބަންޑާރަ ނައިބާއި ޓޫރިޒަމް މިނިސްޓާއި އިސްލާމިކް މިނިސްޓަރެވެ.

“ރާއްޖޭގެ މިސްރާބު މިހާރު މިހުރީ ރައްޔިތުން އެދޭ ގޮތަށް ކަންކަން ނިންމުމަށް. ރާއްޖޭގެ ސްޓޭންޑުތައް ނަގަނީ، އާ ސްޓޭންޑަޑަކަށް. މިއަދު މި ނެންގެވި ސްޓޭންޑަކީ އަޅުގަނޑުމެން އިންސާނިއްޔަތަށްޓަކާ ނިންމާ ނިންމުމެއް،” އިހުސާން ވިދާޅުވި އެވެ.

ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އައުން މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ދާދިފަހުން ވަނީ ހުށަހަޅާފަ އެވެ. އިމިގްރޭޝަންގެ ގާނޫނަށް މި އިސްލާހު ގެންނަން ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 36،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ