އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ބުނީ ދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބަޔަކަށް ހެދުމަށްޓަކައި ސްކޫލްތަކުން ކުރާ މަސައްކަތްތައް އިތުރުކޮށް ހަރުދަނާ އުސޫލުތަކެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ސްކޫލްތަކުން ބެލެނިވެރިންނާ މުއާމަލާތު ކުރުމަށް ބޭނުން ކުރާ ވައިބާ ގްރޫޕްތައް ފަދަ ޕްލެޓްފޯމްތަކަކީ އެއް ފަރާތުން މުއާމަލާތް ކުރެވޭ ކޮމިއުނިޓީ ގްރޫޕްތަކަކަށް ހެދުމަށް ވަނީ ސާކިއުލާގައި އަންގައިފަ އެވެ. އަދި މި ކޮމިއުނިޓީ ގްރޫޕްތައް ސްކޫލްގެ ޑިޖިޓަލް ނޯޓިސް ބޯޑުގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
އޭގެއިތުރުން ރަސްމީ މުއާމަލާތު ކުރުމަށް އިތުރު ގްރޫޕެއް ހަދާ ނަމަ، އެފަދަ ގްރޫޕްތަކަކީ ވަކިވަކި ކީ ސްޓޭޖްތަކަށް ނުވަތަ ގްރޭޑްތަކަށް ހާއްސަ ގްރޫޕްތަކަކަށް ހެދިދާނެ ކަމަށް ސާކިއުލާގައިވެ އެވެ. އަދި މުދަރިއްސުންނާއި ބެލެނިވެރިން މުއާމަލާތު ކުރުމަށް ވަކިވަކި ކްލާސްތަކަށް ރަސްމީ ގްރޫޕްތައް ބޭނުން ނުކުރަން ވަނީ އަންގައިފަ އެވެ.
ސްކޫލުން ބެލެނިވެރިންނާ މުއާމަލާތް ކުރުމަށް ބޭނުން ކުރާ ކޮމިނިއުޓީ ގްރޫޕް މެދުވެރިކޮށް މެސެޖް ފޮނުވާ އެންމެ ލަސް ގަޑިއަކީ ސްކޫލްގެ ކިޔަވައި ދިނުމުގެ ދަންފަޅި ނިމޭތާ ދެ ގަޑިއިރަށް ވުރެ ލަސް ގަޑިއަކަށް ނުހަދަން ވެސް ސާކިއުލާގައި އަންގާފައިވެ އެވެ.
އަދި ދަރިވަރުންނާ ހަވާލު ކުރެވޭ މަސައްކަތްތައް ބެލެނިވެރިޔާއަށް އެންގުމަށް ގްރޫޕްތައް ބޭނުން ކުރުމުގެ ބަދަލުގައި ދަރިވަރުންގެ އަމިއްލަ އުނގެނުމަށް ޒިންމާވާން ދަސްވާނެ ފަދަ އާދަތައް އަށަގެންނެވުމަށް މަސައްކަތް ކުރުމަށް ވެސް ސާކިއުލާގައި މިނިސްޓްރީން ސްކޫލްތަކަށް ވަނީ އަންގައިފަ އެވެ.