އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާދީ ހިންގަމުން ގެންދާ ގަތުލުއާންމުތަކުގައި ހާލުގައި ޖެހުނު ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ޕީއެސްއެމުން މިދިޔަ މަހު ބޭއްވި “ފަލަސްތީނާއެކު ދިވެހިން” ޓެލެތޯނުން ލިބުނު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމަކަށް ޕީއެސްއެމުން އިންތިޒާމުކޮށްގެން އެ ޓެލެތޯން ބޭއްވީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 8:00 އިން އެ ރޭގެ ދަންވަރު 12:00 އާ ހަމައަށެވެ. މި ޓެލެތޯންގައި މާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓި އެވެ.
މި ޓެލެތޯނުން ޖުމްލަ ލިބުނީ 19،186،851.5ރ. އެވެ. އެއީ 18،418،922ރ. އާއި 49،800 ޑޮލަރެވެ.
މި ފައިސާގެ ރަމްޒީ ޗެކް ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ޕީއެސްއެމްގެ ފަރާތުން މި ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރެވެ. ޗެކާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.
ޓެލެތޯނުން ލިބުނު މި ފައިސާ ފަލަސްތީނާ ހަވާލުކުރުމަށް ނިންމާފައިވަނީ، ހާލުގައި ޖެހިފައިވާ އެ ގައުމުގެ މީހުންނަށް އެހީވާ އދ. ގެ ޖަމިއްޔާއެއް ކަމަށްވާ “އަންރުވާ” އަށެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް، ޓެލެތޯން އޮޑިޓްކޮށްފައިވަނީ ކްރޯ މޯލްޑިވްސްއިންނެވެ.
މި ބައްދަލުވުމުގައި ޒީނާ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯން ކާމިޔާބުކަމާއެކީ ކުރިއަށް ގެންދެވުނީ ވަރަށް ގިނަބައެއްގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އެގޮތުން މީޑިއާތަކާއި ސަރުކާރާއި ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރުދުންގެ އެހީތެރިކަން ލިބުނު ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޒީނާ ވިދާޅުވީ ޓެލެތޯނަށް ލިބުނު ފައިސާ ގުނުމުގައި ގިނަ ވަގުތު ހޭދަވި ކަމަށާއި ހާއްސަކޮށް ވަކި ލާރީގެ ގޮތުގައި ލިބުނު 40،000 ރުފިިޔާ ގުނުމަށް ހަ ގަޑިއިރު ހޭދަވި ކަމަށެވެ.
ޒަމީރު ވިދާޅުވީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ގޮވާލާ ދިވެހިން ކުރަމުން ގެންދާ މަސައްކަތްތައް ފަލަސްތީނުން ބަލައިގަންނަކަމަށެވެ.