ރާއްޖޭގައި ކުރިއަށް ގެންދާ ގުރުއާން އުނގަންނައިދޭ ކޯސްތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ހުއްދަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ދީފިއެވެ.
އެމްކިއުއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވީ އޮގަސްޓް 24، 2022 ގައި އެ އޮތޯރިޓީން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އީ-ލާނިންގެ 11 ވަނަ މާއްދާގެ ދަށުން ކުރިއަށް ނުގެންދެވޭނެ އަށް ދާއިރާއެއް ބަޔާންކޮށްފައި ވާނެ ކަމަށާއި އޭގެ ތެރޭގައި ގުރުއާނާ ގުޅުން ހުރި ދާއިރާތައް ހިމެނޭ ކަމަށެވެ.
ފިޒާނާ ވިދާޅުވީ ގުރުއާނާ ގުޅުންހުރި ކޯސްތައް އޮންލައިންކޮށް ހިންގުމާ ގުޅިގެން އެ އޮތޯރިޓީ އާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ބައްދަލުކޮށް ކުރެވުނު މަޝްވަރާގެ މަތީން، އީ-ލާރނިންގ މޮޑަލިޓީގެ ދަށުން ކީރިތި ގުރުއާނާއި، ގުރުއާނާ ގުޅުންހުރި މާއްދާތައް ކިޔަވައިދިނުމުގެ ހުއްދަ ދެވިދާނެކަމަށް ބަޔާންކޮށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ އެ އޮތޯރިޓީއަށް ލިޔުމުން އަންގާފައިވާ ކަމަށެވެ.
އެގޮތުން، ކިޔަވައިދިނުމުގައި އީ-ލާރނިންގ ޑެލިވަރީ މޮޑަލިޓީގައި މިހާރުން މިހާރަށް ވެސް ވަކި ކަހަލަ މޮޑިއުލްތަކެއް (މައާނިލް ގުރުއާން އަދި އުލޫމުލް ގުރުއާން ފަދަ) މާއްދާތައް ކިޔަވައި ދެވިދާނެ ކަމާއި އަދި ވަކި އުސޫލުތަކެއްގެ މަތިން އެހެން މާއްދާތައްވެސް ކިޔަވާ (ތިލާވާ އަދި ޙިފްޒު ފަދަ) މާއްދާތައް ކިޔަވައިދެވިދާނެ ކަމަށް ބަޔާންކޮށްފައިވާނެ ކަމަށް ފިޒާނާ ވިދާޅުވިއެވެ.
އެގޮތަށް އީ-ލާނިންގ މޮޑަލިޓީގެ ދަށުން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔަ ކަމުގައިވީ ނަމަވެސް އިމްތިހާންތައް ބާއްވަމުން ގެންދަވަންވާނީ ފޭސް-ޓު-ފޭސް ކޮށް ކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ލިޔުމުގައި ބަޔާންކޮށްފައިވާ ކަމަށް ފިޒާނާ ވިދާޅުވިއެވެ.
މީގެ އިތުރުން ގުރުއާނުގެ ދާއިރާގެ ކޮންމެ ޕްރޮގްރާމެއްވެސް އެ ޕްރޮގްރާމެއްގައި ކިޔަވައިދެވޭ މާއްދާތަކަށް ރިޢާއަތްކޮށް ވަކި އުސޫލެއްގެ ތެރެއިން އީ-ލާރނިންގ މޮޑާލިޓީގައި ކިޔަަވައިދިނުމަށް ހުއްދަ ދެވިދާނެ ކަމަށް ބަޔާންކުރެއެވެ. ވުމާއިއެކު ކީރިތި ގުރުއާނާއި، ގުރުއާނާ ގުޅުންހުުރި ދާއިރާތަކުގެ ޕްރޮގްރާމްތައް އީ-ލާނިންގ މޮޑަލިޓީގެ ދަށުން ކިޔަވައިދިނުމަށް ބޭނުންވާ މަތީ ތައުލީމުދޭ މަރުކަޒުތަކުން އެ ޕްރޮގްރާމްތައް ފަރުމާ ކުރުމަށްފަހު އެ އޮތޯރިޓީއަށް ހުށަހެޅުމަށް ފިޒާނާ ވަނީ އެދިވަޑައިގެންފައެވެ.
އެ ޕްރޮގްރާމް އީ-ލާނިންގ މޮޑެލިޓީގެ ދަށުން ކުރިއަށް ގެންދަވަން ވާނީ އެ އޮތޯރިޓީގެ ދަށުން ހުއްދަ ދިނުމުންނެވެ. އީ-ލާނިންގ މޮޑަލިޓީގެ ކުރިއަށް ގެންދާ މޮޑިއުލެއް ނުވަތަ ކޯހެއްގެ އިމްތިހާނެއް ކުރިއަށް ގެންދަންވާނީ ފޭސް-ޓު- ފޭސް ކޮށް ކަމުގައި ފިޒާނާ ވަނީ ވިދާޅުވެފައެވެ.